އެކި ދުވަސްތައް ފާހަގަކުރުމުގެ ނަމުގައި، ބައެއް ފަރާތްތަކުން މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހުރަސްއެޅި، މަގުތައް ހަލަބޮލިކޮށް، ދަތުރު ފަތުރުގެ ނިޒާމަށް ދަތިވާގޮތަށް ތަފާތު ހަރާކަތްތައް ހިންގަން އުޅޭކަމުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ވަނީ ލިބިފައި ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
”ޤައުމީ ފެންވަރެއްގައި ހިންގާ ހަރަކާތްތަކާއި އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތައް ފާހަގަކުރުމުގެ ނަމުގައިވިޔަސް އަދި އެހެނިހެން ގޮތްގޮތުންވިޔަސް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހުރަސްއެޅި، މަގުތައް ހަލަބޮލިކޮށް، ދަތުރު ފަތުރުގެ ނިޒާމަށް ދަތިވާގޮތަށް އެއްވެސް ފަރާތަކުން ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ.“ ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނެފައިވަނީ ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ރައްޔިތުންނަށް އަމާން ވެށްޓެއް ކަށަވަރުކޮށްދީ، ދިރިއުޅުމާއި ދަތުރު ފަތުރުގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާއި އެހެނިހެންވެސް ޤާނޫނުތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.
”އެހެންކަމުން، އޮގަސްޓް 12، 13 ފާހަގަކުރުމުގެ ނަމުގައި ރަށުތެރެ ހަލަބޮލިކޮށް އާއްމު ދަތުރު ފަތުރުގެ ނިޒާމަށް ހުރަސްއެޅި ރައްޔިތުންގެ ހައްޤުތައް ނެތިގެންދާނޭ ގޮތަށް އެއްވެސް ފަރާތަކުން ހަރަކާތްތައް ރާވާ ހިންގާނަމަ އެހަރަކާތެއް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން“ ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގައި ސުލްޙަމަސަލަސްކަން ދަމަހައްޓައި ރައްކާތެރި ވެށްޓެއް ޤާއިމްކޮށްދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށާއި ފުލުހުންގެ މަސައްކަތުގައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.