އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ބިލު ތަސްދީގު ކުރުމާއި ގުޅިގެން މީހެއްގެ ހައްޤަށް، ނަމަށް، އަބުރަށް، ޤަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ޘާބިތު ނުހިފޭ ދޮގު ވާހަކައެއް، އެއްވެސް ޚަބަރު ފަތުރާ ވަސީލަތަކުން ދައްކައިފި ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއްގައި ޖޫރިމަނާ ކުރެވޭނެއެވެ.
އަދި އެފަދަ ކޮންޓެއްޓެއް ޝާއިއު ކުރި ވަކިވަކި ރިޕޯޓަރުންނަށް 50،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ. އާންމު ފަރާތެއް މީހެއް އަބުރަށް އަރައިގަނެފި ނަމަ 25،000 އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށްވެސް ޖޫރިމަނާ ކުރެވޭނެއެވެ.
ހަމަމިއާއެކު ފައިސާ ނުދައްކައިފި ނަމަ އެ މީޑިއާއަކަށް ހަރުކަށި ފިޔަވަޅު އެޅުމާއި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި އެ މީޑިއާއެއްގެ ލައިސެންސް އަތުލުމުގެ ބާރު، ކަމާ ގުޅޭ މުއައްސަސާތަކަށް ލިބިގެންދާ އިރު، ވަކިވަކި ރިޕޯޓަރުންނަށް ޖިނާޢީ ދަޢުވާއެއް ކޮށް 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރެވޭނެ އެވެ. އެ ބިލުގައި ބުނެފައި ވަނީ އެ ފަދަ މައްސަލައެއް އިސްތިއުނާފް ކުރެވޭނީ އެ ޖޫރިމަނާ ދެއްކުމަށް ފަހުގައި ކަމަށާއި ޖަލު ހުކުމަކާ ހަމައަށް މައްސަލަ ދަނީވެސް ޖޫރިމަނާ ފައިސާ ނުދެއްކުމުންނެވެ.
އެހެން ނަމަވެސް މުއައްސަސާއެއްގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ކަންކަމާއި މީހެއްގެ ސިއްހަތައް ނުވަތަ ފުރާނައަށް ގެއްލުން ވެދާނެ ޚިޔާލުތަކާއި މުއައްސަސާއަކުން ކުރާ ކަމަކުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކަބެހޭ ގޮތުން ހަބަރު ފެތުރުމަކީ އަބުރާ ބެހުން ކަމަކަށް ނުބެލެވެ އެވެ. އަދި އިލްމީ މަގްސަދެއްގައި ހިޔާލު ފާޅުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދައްކާ ވާހަކަތަކާއި، ނޫނީ ގަވައިދުތަކައި އުސޫލުތަކުގެ ތެރެއިން ޝަރުއީ ކޯޓެއްގައި ދެކެވޭ ވާހަކަތަކުގެ އިތުރުން ތަހުގީގު ކުރާ މުއައްސަސާތަކުން ކުރާ ތަހުގީގާ ނުވަތަ ކަމެއް ހޯދައި ހޯދުމުގެ ތެރޭގައި ދެކެވޭ ވާހަކަތައް ވެސް ރިޕޯޓް ކުރުމަކީ އެ ގާނޫނުން އަދަބު ދެވޭ ކަންކަމެއް ނޫނެވެ. އަދި ބޭރުގެ ކޯޓުތަކާއި ޖަމާއަތް ނޫނީ މަޖިލީހަކުން ރަސްމީކޮށް ޝާއިއުކުރާ ވާހަކަތައް ނޫނީ އެއާ ހަވާލާދީ ލިޔެފައި ހުރި ލިޔުންތަކުގައިވާ ވާހަކަތަކަކީ އަބުރާ ބެހުމުގެ ކުށެއް ކަމުގައި ވެސް ނުބެލެވެއެވެ.
ޕޯޑިއަމްއެއް ނުވަތަ ޖަލްސާތަކުގައި ދައްކާ ވާހަކަތައް ޝާއިއު ކުރާއިރު ބަސް ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އަބުރުގެ ބިލުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ފަރާތެއްގެ ބަހެއް ނުލިބުން ނަމަވެސް ހަބަރު ޝާއިއުކުރެވޭނެ ކަމަށެވެ. ނަމަވެސް ރައްދުވާ ފަރާތުގެ ބަސް ލިބިއްޖެ ނަމަ ވީއެންމެ އަވަހަކަށް ކުރިން ހަބަރު ގެނެސްދިން ފެންވަރުގައި އޭނާގެ ބަސް ގެނެސްދޭން އެ ގާނޫނުގެ ދަށުން މީޑިއާތަކަށް މަޖުބޫރު ކުރެ އެވެ.