މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރު ކުރާ ޕާސްޕޯޓު ކާރޑުގެ ޕާރޓްނަރއެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުމަށް ނިންމާ ޕާރޓްނަރޝިޕް އެގްރީމަންޓުގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ހަފުލާއެއްގައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އަލަށް ތަޢާރަފު ކުރި އީ- ޕާސްޕޯޓު ލޯންޗުކުރުމަށް 2016 ޖެނުއަރީ މަހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކެއްގައި ބޭނުންކުރަމުންދާ ޕާސްޕޯޓު ކާރޑު ތަޢާރަފު ކުރުމުގެ މުޙިއްމުކަމުން ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ފާހަގަ ކުރައްވާ މޯލްޑިވްސް އިމިގްރޭޝަނުން އެފަދަ ކާރޑެއް ތައްޔާރު ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން އިމިގްރޭޝަނުން ނިންމާފައިވަނީ ޕާސްޕޯޓު ކާރޑަކީ އެއްބޭނުމަކަށްވުރެ ގިނަ ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް ކަމަށާއި މި ގޮތުން މި ކާރޑުގައި ފައިސާ ދެއްކޭނެ ފެސިލިޓީ ޤާއިމްކުރުމީ މި ކާރޑުން ލިބިދޭނެ ގިނަ ޚިދުމަތްތަކެއްގެ ތެރެއިން އެއް ޚިދުމަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕާސްޕޯޓު ކާރޑުގެ ބޭނުމަކީ ޢާންމު ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ވަސީލަތަކަށް ވާއިރު، މި ގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅުމުގައި ވިޔަފާރީގެ މުޢާމަލާތްތަކަށް ފައިސާ ދެއްކުމާ އޭ.ޓީ.އެމް އިން ފައިސާ ނެގުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމާއި ޕާސްޕޯޓުގެ ބަދަލުގައި ގެންގުޅޭނެ ރަސްމީ ލިޔުމެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ އިރު، ތަފާތު ކަންކަމުގައި ބޭނުންކުރެވޭނެ ވަސީލަތެއްގެ ގޮތުގައި މި ކާރޑު ވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް މާރކެޓިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ އާ ޚިދުމަތްތައް ތަޢާރަފު ކުރުމުގެ އެންމެ ކުރީ ސަފުގައި ބީ.އެމް.އެލް އަބަދުވެސް ހިމެނޭ ކަމަށާއި އެހެންކަމުން މޯލްޑިވްސް އިމިގްރޭޝަނާއެކު ޕާރޓްނަރޝިޕް އެގްރީމަންޓުގައި ސޮއިކޮށް ޕާސްޕޯޓު ކާރޑު ޕުރޮޖެކްޓުގައި ބައިވެރިވުމީ ބީ.އެމް.އެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކާރޑުން ދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ޢާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކުގައި މަޝްވަރާތައް މިހާރު ކުރެވިފައިވާ އިރު، އެ ފަރާތްތަކާ އެކުގައި ޕާރޓްނަރޝިޕް އެގްރީމަންޓުގައި ދާދި އަވަހަށް ސޮއި ކުރެވި މި ކާރޑު ކައިރި މުސްތަޤުބަލެއްގައި ތަޢާރަފު ކުރެވޭނެއެވެ.
މި ކާރޑު މެދުވެރިކޮށް އިތުރު ޚިދުމަތްތައް ދިނުމަށް ހަމަޖެހުމުންދާ ވަރަކަށް އެކަމުގެ މަޢުލޫމާތު މީޑިއާ އާއި ޙިއްޞާ ކުރެވިގެން ދާނެެ ކަމަށާއި މި ކާރޑު ހައްދާ ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ކަމަށް އެ އިދާރާއިން ބުނެއެވެ.