އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ޓާޟިނަލް އެޅުމަށް ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ކުވައިތު ފަންޑުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހިޝާމް އަލް އަހްޔާމް އެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ މި ލޯނު ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށެވެ. އަދި ކުވައިތު ފަންޑަކީ ރާއްޖެއިން ހިންގާ މިފަދަ ހުރިހާ ޕްރޮޖެކްޓަކަށް އެހީވާ ފަންޑެއް ކަމަށެވެ.
އެއާޕޯޓުގައި އަޅާ އާ ޓާމިނަލްގެ މަޝްރޫއަކީ 300 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ސައުދީ އަރަބިއްޔާގެ ބިން ލާދީން ގްރޫޕާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫ ނިންމުމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރަށެވެ.