ޕާކިސްތާނުން ރާއްޖެއައި ފިރިހެނެއްގެ އެތެރެހަށީގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިމަހުގެ 1 ވަނަ ދުވަހު އެމިރޭޓްސް އެއަރލައިންސް އިން ރާއްޖެއައި މިމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އެތެރެހަށީގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް ޝައްކުކުރެވިގެން އެކްސްރޭކޮށް ބަލައި މަސްތުވާތަކެތި ރައްކާކޮށްފައިވާ 30 ބްލެޓްވަނީ ނެގިފައެވެ. އަދި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 376 ގްރާމް ހުއްޓެވެ.
މިކޭސްގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.
މަސްތުވާތަކެތި އަތުލައިގަތުމުގެ ތަފާތު 12 އޮޕަރޭޝަންއެއް މިއަހަރު މިހާތަނަށް ހިންގާފައިވާއިރު 16.5 ކިލޯ ގްރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަންފެޓަމައިންގެ 966 ޓެބްލެޓް އަތުލައިގަނެވިފައިވެއެވެ.