އުރީދޫ ސްމާރޓް ކެމްޕަސް ތައާރަފްކޮށްފި

އުރީދޫއިން މައިކްރޮސޮފްޓްގެ ބައިވެރިވުމާއި އެކު، ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމީ ސޮލިއުޝަންއެއް ކަމަށްވާ ’އުރީދޫ ސްމާރޓް ކެމްޕަސް‘ ތައާރަފްކޮށްފިއެވެ.

ސްމާޓް ކެމްޕަސްގައި ހިމެނިފައިވާ މައިކްރޮސޮފްޓް އިން އެޑިއުކޭޝަންގެ ޕްލެޓްފޯމް މެދުވެރިކޮށް، ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވާދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެއެވެ. އުރީދޫއިން ތައުލީމީ މުއައްސަސާތަކަށް ހިލޭ އިންޓަނެޓާއި އެކު ސްމާރޓް ކެމްޕަސް ސޮލިއުޝަން ފޯރުކޮށްދޭއިރު، ދުރު ހިސާބުތަކުން މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ހިލޭ ޑޭޓާ ޕެކޭޖްވެސް ފޯރުކޮށްދޭނެއެވެ. ނުހަނު ބޭނުންތެރި މި ޚިދުމަތް ބޭނުންކުރައްވާ ދަރިވަރުންނާއި ޓީޗަރުންނަށް، ތައުލީމީ ގިނަ ފުރުސަތުތަކަކާއި ގުޅުވާލަދޭ މައިކްރޮސޮފްޓްގެ ލައިސެންސްތަކެއްވެސް ހިލޭ ލިބިގެންދާނެއެވެ.

”އަޅުގަނޑުމެންގެ ދުނިޔޭގައި، ތައުލީމީ ފުރުސަތުތައް ފަހިވެފައި ނެތް ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުނެތް ޒުވާނުން ގިނަވެ، ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ. އުރީދޫ ސްމާރޓް ކެމްޕަސް ފަދަ ޑިޖިޓަލް ސޮލިއުޝަންތަކުން، ދަރިވަރުންނަށް ކުރިމަތިވާ މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާ، އެކުދިންގެ ހަގީގީ ގާބިލިއްޔަތާ ހަމައަށް ދިއުމަށްޓަކައި، ކުރިއެރުމުގެ ފުރުސަތުތަކެއް ހުޅުވާލަދޭ. ތައުލީމީ ދާއިރާއަށް ކުރިއެރުން ގެނެސްދީގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ފަރާތްތަކުގެ ދިރިއުޅުމަށް ފަސޭހަކަމެއް ގެނެސްދީފައިވާ މައިކްރޮސޮފްޓް އާ ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ޑިޖިޓަލް މޯލްޑިވްސްއަށް އަޅުގަނޑުމެން ދޭ އެއްބާރުލުމުގެ ދަށުން، މައިކްރޮސޮފްޓާ ގުޅިގެން އެންމެ ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދޭން އަޅުގަނޑުމެން މަސައްކަތްކުރާނަން “ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން، ތައުލީމީ ދާއިރާގެ ޕްރައިމަރީ، ސެކަންޑަރީ، ކޮލެޖް އަދި ޔުނިވަރސިޓީ ފަންތީގައި، ޓެކްނޮލޮޖީގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އުފެއްދުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ތައުލީމު އުނގަންނައި ދިނުމުގައި ބޭނުންކުރަމުން އައި ޒަމާންވީ ގޮތްތައް ދޫކޮށް، ޓެކްނޮލޮޖީ މެދުވެރިކޮށް ބޭނުންކުރެވޭ އީޖާދީ ގޮތްތައް ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ. އުރީދޫ ސްމާރޓް ކެމްޕަސް އިން ލިބިދޭ ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް މެދުވެރިކޮށް، ތައުލީމީ މުއައްސަސާތަކުން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާސިލްވުމަށް މަގުފަހިކޮށްދޭނެއެވެ.

”ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި، އާބާދީ މިހައި ބޮޑަށް ފެތުރިފައިވާ ހާލަތެއްގައި، ތައުލީމާއި ތަމްރީންގެ ޚިދުމަތްތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށް، އީޖާބީ ގޮތްތަކެއް ބޭނުންވެއެވެ. ރައީސް ޔާމީންގެ، ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ބަދަލުކުރެއްވުމުގެ ވައުދުގެތެރެއިން، ދުރުންދޭ ތައުލީމުގެ ޒަރީޢާއިން ތައުލީމާއި ތަމްރީން ފޯރުކޮށްދޭން މިވަނީ ވަރަށް ކާމިޔާބުކަމާއިއެކު ފެށިފައެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އާއި މައިކްރޯސޮފްޓް ގެ އެހީތެރިކަން ލިބުމަކީ، މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ހިތްވަރެކެވެ.“ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ސްމާޓް ކެމްޕަސް މެދުވެރިކޮށް ދަރިވަރުންނަށް ކޮންމެ ގަޑިއެއްގައި ވެސް ފިލާވަޅުތައް ކިޔައި، ކިޔެވުމަށް ބޭނުންވާ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއި އެކު، އޮންލައިންކޮށް ކޯސްވަރކް ފުރިހަމަކޮށް، ސަބްމިޓް ކުރެވޭތީވެ، ތައުލީމް ހޯދުމުގައި އިތުރު ފަސޭހަކަމެއް އެންމެހާ ބޭފުޅުންނަށްވެސް ލިބެއެވެ. މައިކްރޮސޮފްޓް އެޑިއުކޭޝަން މެދުވެރިކޮށް ލިބޭ ފައިދާތަކުގެ ތެރޭގައި މުއާމަލާތްތަށް ކުރުމުގެ އެހީ، ލައިވް ކޮމެންޓާއި ކުއިޒްތަކާއި އެކު އޮންލައިން ކްލާސް ނޯޓްސް، ހާޒިރީ މާރކް ކުރާ ސިސްޓަމް، އަދި އޮންލައިން ޝެޑިއުލިންގެ އިތުރުން ޓައިމްޓޭބަލްގެ ޙިދުމަތް ހިމެނެއެވެ. ހަމައެއާއި އެކު އެކި ކްލާސްރޫމްތަކާއި މުއާމަލާތްކޮށް، ގެސްޓް ލެކްޗަރުން ހިމަނައި، ވާރޗުއަލް ފީލްޑް ޓްރިޕްތަކުގައި ބައިވެރިވެ، ފިލާވަޅުތަށް ރިކޯޑުކުރުމުގެ ފުރުސަތުވެސް ސްމާޓް ކެމްޕަސްގެ އޮންލައިން ކްލާސް މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި ސްމާޓް ކެމްޕަސްގެ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ދަރިވަރަކަށްވެސް، ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި އިލްމުވެރިންގެ ލެކްޗާތަކާއި، ހިޔާލުފާޅުކުރުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނެއެވެ.

”ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުން ތަމްރީނު ފޯރުކޮށްދިނުމުގެ އައު ގޮތްތަށް ތަނަވަސްކުރުމުގައި، މައިކްރޮސޮޕްޓްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން. މައިކްރޮސޮފްޓުގެ ތަސައްވަރު ބިނާވެފައިވަނީ ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭ، ޝައުގުވެރިކުރުވަނިވި ތަޖުރިބާތަކެއް ފޯރުކޮށްދީގެން، ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ތައުލީމު ހޯދުމުގެ ޖޯޝު އާލާކުރުމަށް. ސްމާޓް ކެމްޕަސް ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި ދަރިވަރުންނަށް މުއާމަލާތްކުރުން، އެކުގައި މަސައްކަތްކުރުން، ބިނާކުރަނިވި ފާޑުކިއުން، އަދި އުފެއްދުންތެރިކަން ފަދަ ތަފާތު ހުނަރުތައް ކުރިއެރުވޭނެ. އުރީދޫ އާއި އެކު ގާއިމްކުރެވުނު ޕާޓްނަޝިޕްގެ ދަށުން، މައިކްރޮސޮފްޓް ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ ތައުލީމު އުނގަންނައިދޭ ފަރާތްތަކަށް ކްލާސްރޫމްގެ އެތެރެއިންނާއި ބޭރުންވެސް ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން އެކުދިންގެ ހުނަރުތައް ތަރައްޤީކޮށްދީގެން، ހީވެސް ނުކުރާހާ ކުރިއެރުންތަކާއި ހަމައަށް އެކުދިން ވާސިލްކޮށްދެވޭނެ. ކްލައުޑް ސޮޕްޓްވެއާ ބޭނުންކުރާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކިތަންމެ ދުރު ހިސާބެއްގައިވާ ދަރިވަރަކަށްވެސް ތައުލީމް ހޯދޭނެ. އެއްވެސް ދަރިވަރަކީ ބާކީވާނެ ދަރިވަރެއް ނޫން.“ މައިކްރޮސޮފްޓްގެ އޭޕެކް އެޑިއުކޭޝަންގެ ޑައިރެކްޓަރ، ޑޮން ކާލްސަން ވިދާޅުވިއެވެ.

ކޮންމެ ކުންފުންޏަކީވެސް، އެކުންފުންޏަކުން ޚިދުމަތްފޯރުކޮށްދޭ މުޖުތަމައުގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް މަސައްކަތްކުރަންޖެހޭ ބަޔެއް ކަމަށް އުރީދޫ އިން ގަބޫލުކުރެއެވެ. މިގޮތުން، ރާއްޖޭގައި ޚިދުމަތްދޭތާ 11 އަހަރު ފުރުން، ރައްޔިތުންނަށް ފައިދާކުރާނެ ހަރަކާތްތަކާއި އެކު ފާހަގަކުރުމަށް އުރީދޫ އިން ވަނީ ނިންމާފައެވެ. މި ހަރަކާތްތަކުގެ ތެރެއިން، އަދި އުރީދޫގެ އިޖްތިމާއީ ޒިންމާގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސްގެ ޚިދުމަތް މޯލްޑިވްސް ޕޮލިޓެކްނިކްއަށް ވަނީ ހިލޭސާބަހަށް ފޯރުކޮށްދީފައި އެވެ.

”ޓެކްނޮލޮޖީ މެދުވެރިކޮށް އެނޫންގޮތަކަށް ނުލިބިދާނެ ވަރަށް ގިނަ ފުރުސަތުތަކެއް މުޖުތަމައު އަށް ފޯރުކޮށްދެވޭ. އުރީދޫ އިން މަސައްކަތްކުރަމުންދަނީ ވީހާވެސް ގިނަ ބޭފުޅުން މިފަދަ ފުރުސަތުތަކާއި ގުޅުވާލަދިނުމަށް. މޯލްޑިވްސް ޕޮލިޓެކްނިކްއަކީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރިން ތަމްރީންކުރުމަށް ދިވެހިރާއްޖޭގައި ޤާއިމް ކުރެވުނު ފުރަތަމަ ތަޢުލީމީ މުއައްސަސާ އަށް ވާއިރު، ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ތަމްރީނު ފޯރުކޮށްދެވެނީ ހިލޭ. އުރީދޫގެ ސްމާޓް ކެމްޕަސް މެދުވެރިކޮށް، މި ފަދަ ފުރުސަތެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ޒުވާނަކަށްވެސް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް.“ އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ސްމާޓް ކެމްޕަސްގެ ތަފާތު ތިން ޕެކޭޖް ތައާރަފްކުރެވިފައި ވާއިރު، މި ޕެކޭޖްތަކުގެ ދަށުން ސްކޫލްތަކަށް ހިލޭ އިންޓަނެޓް ކަނެކްޓިވިޓީ ލިބިގެންދެއެވެ. ސްމާޓް ކެމްޕަސް ޕެކޭޖްތަކުގެ ތެރޭގައި 20 ދަރިވަރުންނަށް ބޭނުންކުރެވޭ ސްމާޓް ކެމްޕަސް އެލެމެންޓަރީ، 50 ދަރިވަރުންނަށް ބޭނުންކުރެވޭ ސްމާޓް ކެމްޕަސް އެކެޑެމިއާ، އަދި 100 ދަރިވަރުންނަށް ބޭނުންކުރެވޭ ސްމާޓް ކެމްޕަސް ޔުނިވާސިޓީ ޕެކޭޖް ހިމެނެއެވެ. 200 ރުފިޔާގެ ފީ އަކާއި އެކު، ކޮންމެ ޕެކޭޖަކަށްވެސް އިތުރު ދަރިވަރެއް ބައިވެރިކުރެވޭނެއެވެ. ސްމާޓް ކެމްޕަސްގެ ޚިދުމަތާއި އެކު ތައުލީމީ މުއައްސަސާތަކަށް ހިލޭ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭ އިރު، ދުރު ހިސާބަކުން ތައުލީމީ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނަށްވެސް، ސްމާޓް ކެމްޕަސް ބޭނުންކުރުމަށްޓަކައި ހާއްސަ ޑޭޓާ ޕެކޭޖް އެއް ހިލޭ ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *