މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ހިޔާލުފާޅު ކުރުން ހަނިވާގޮތަށް އޮތުމުން އެކަން އިސްލާހު ކުރުމަށް އެޗްއާރުސީއެމުން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެޗްއާރުސީއެމުން ބިލަށް ހިޔާލު ހުށަހެޅި ނަމަވެސް އެ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ބަންދުކޮށް ހުށަހެޅި ހިޔާލުތައް ބާތިލު ކުރުމަށް ކޮމިޓީން އިއްޔެ ވަނީ ނިންމާފައި އެވެ.
ބިލުގައިވާ ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށް އެ ކޮމިޝަނުން ބުނެފައިވަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދާތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ހައްގަކަށް ވާއިރު އެ ހައްގަށް ހުރަސްއެޅޭ ގޮތަށް ބިލުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދުތަކަކީ ނިސްބަތުން ބޮޑު އަދަދުތަކެއް ކަމަށް ދެކޭ ކަމަށެވެ.
އަބުރާއި ބެހުނުކަން ސާބިތުވެ ޖޫރިމަނާ ދައްކާފަހުން އިސްތިއުނާފު މަރުހަލާގައި އެމީހަކާއި އެއްކޮޅަށް ނިމިއްޖެނަމަ ޖޫރިމަނާއަށް ދެއްކި ފައިސާ މީޑިއާ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން އަނބުރާ ރިފަންޑް ކުރަންވާނެ ކަމަށް ބުނެފައިވާ މާއްދާ އުނިކޮށް އިސްތިއުނާފު މަރުހަލާ ނިމުމުން ފައިސާ ދައްކަން ކަނޑައެޅުމަށް އެދިފައިވެ އެވެ.
އަދި އަބުރާއި ބެހުމަކީ ޖިނާއީ ކުށަކަށް ނަހަދާ އެއީ މަދަނީ ކުށަކަށް ބަދަލު ކުރުމަށް ލަފާދީފައިވެ އެވެ. ސަބަބެއް ކަމަށް އެ ކޮމިޝަނުން ބުނީ ޖިނާއީ ކުށެއްގެ ގޮތުގައި އަބުރާބެހުމުގެ ކުށް އޮންނަ ގައުމުތަކުން އެކަން ބަދަލުކުރަމުން އަންނާތީއާ ރާއްޖެއިން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ހައްގުތަކާބެހޭ މުއާހަދާގައި އަބުރާ ބެހުމަކީ މަދަނީ މައްސަލައަކަށް ހެދުމަށް ބައިވެރިވެފައިވާ ގައުމުތަކަށް ގޮވާލައިފައިވާތީ ކަމަށެވެ.
ބިލުގައިވާ ކަންކަމާއި މެދު އެ ކޮމިޝަނުން ކަންބޮޑުވުން ފާޅު ކުރި އިރު އެޗްއާރުސީމް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމުމަށް ފަހު ފަހުން ވަނީ ހާޒިރު ނުކުރާގޮތަށް ނިންމާފައި އެވެ