ޒުވާނުންގެ ކުރިއެރުމަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫއާއި ޖޭސީއައި މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އުރީދޫ އޮފީހުގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހައެވެ. ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން މުޖުތަމައަށް ހެޔޮބަދަލުތަކެއް ގެނައުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމާއި، ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސްއިން ކުރާ މަސައްކަތުގައި އުރީދޫއިން އެއްބާރުލުން ދޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އުރީދޫގެ ސިއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޖޭސިއައި އާއެކު ވެވުނު އެއްބަސްވުމަކީ ޒުވާން ޖީލު ބާރުވެރިކޮށް އެމީހުންގެ އުންމީދުތަކާއި ހުވަފެންތަށް ހަގީގަތަކަށް ހަދައިދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކުންފުނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި މަހުގެ ތެރޭގައި ކުރިޔަށްގެންދާ ހާއްސަ ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ކަމަށް އުރީދޫން ބުނެ އެވެ.
ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ކެމްޕެއިންތަކުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިއުމަކީ އުންމީދެއް ކަމަށެވެ.
ޖޭސީއައިއަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މާލެއާއި، މާލެއަތޮޅުގެ އިތުރުން އައްޑޫ އަތޮޅުގައި ޖޭސީއައިގެ 120 ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.