ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުވުމަށް އެހީތެރިވުމުގެ ގޮތުން ކޮމަންވެލްތުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ހާއްސަ މަންދޫބް ޑރ ވިލީ މުތުންގާ އަދާލަތު ޕާޓީގެ ރައީސް ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
ޑރ މުތުންގާ ރާއްޖެއަށް ވަޑައިގެންނެވީ ފަސް ދުވަހުގެ ދަތުރުފުޅެއްގައި މިދިޔަ އާދިއްތަ ދުވަހު އެވެ.
އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ތެރެއިން މި ދަތުރުގައި އެންމެ ފަހުން ބައްދަލު ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކަމަށެވެ. އޭނާ އިމްރާނާއި ބައްދަލު ކުރެއްވީ މާފުށީ ޖަލުގައި އެވެ.
My last meeting in the Maldives was with Sheikh Imran the leader of Adhaalath Party pic.twitter.com/DTMJSS7jzv
— Dr Willy M Mutunga, Chief Justice, Kenya (2011-16) (@WMutunga) August 4, 2016
މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އަދި ޑރ މުތުންގާގެ މި ދަތުރުފުޅުގައި ބައްދަލު ކުރެއްވި އެއްވެސް ސިޔާސީ ފަރާތަކާއި އެކު ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އޭނާގެ މި ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު ފޮރިންގ މިނިސްޓަރު މުހައްމަދު އާސިމް އާއި ބައްދަލު ކުރެއްވި އެވެ. އަދި އަންގާރަ ދުވަހު ވަނީ އިދިކޮޅު އިއްތިހާދުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައި އެވެ.
ބުދަ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑިއޭގެ އިތުރުން ޕީޕީއެމްގެ ވެރިންނާއި ބައްދަލު ކުރެއްވި އެވެ. އަދި އިއްޔެ ރައީސް ޔާމީނާއި ބައްދަލު ކުރެއްވި އެވެ.
އޭނާ ރާއްޖެއަށް ކުރި މި ދަތުރާއި ގުޅޭގޮތުން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރައްވާނެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ މެދުގައި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމުކޮށް ހިޔާލުތަފާތުވެފައިވާ މައްސަލަތަކުގައި އެންމެން ވާހަކަދައްކައިގެން ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެންމެންނަށްވެސް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.