ސަރުކާރާ ބެހޭގޮތުން ޖުމްހޫރީ ޕާޓީން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް: ޕީޕީއެމް

ސަރުކާރާ ބެހޭގޮތުން ޖުމްހުރީ ޕާޓީ(ޖޭޕީ)ން ދައްކަނީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭޕީއަށް ސޮއިކުރެއްވުމަށް އެ ޕާޓީން ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރު ބަދުނާމްވާފަދަ ގޮތަކަށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ޖޭޕީގެ ވެރިން މަސައްކަތްކުރައްވާ، ވާހަކަފުޅު ދައްކަވާފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

”ސަރުކާރާއި ބޭރު ގައުމުތަކަ ދޭތެރޭ އުފެދިފައިވާ ގުޅުން ވޭތުވެދިޔަ 5 ވަރަކަށް އަހަރު ތެރޭގައި ހީނަރުވެފައިވީނަމަވެސް މިއަދުގެ ސަރުކާރުގެ މަސައްކަތުން އެގުޅުން ވަނީ ގާއިމް ކުރައްވާ އިތުރަށް ވަރުގަދަ ކުރައްވާފަ، ބޭރުގެ ގައުމުތަކުގެ އެންމެ އިސް ވެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާ، އަދި އެ ފަރާތްތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އެ ފަރާތްތަކުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ފާހަގަކުރަން،ހަމަ އެހެންމެ ބޭރުގެ އެކި އެކި ގައުމުތަކުންނާއި އެކި އެކި ޖަމިއްޔާތަކުން މި ސަރުކާރުގެ މަސައްކަތްޕުޅު ބަލައިގަނެ، ތައުރީފް ކުރައްވާ ބަޔާންތައް ނެރުއްވާކަމީވެސް އެ ގައުމުތަކާއި އަދި އެކި އެކި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަ ވާކަމުގެ ހެއްކެއް“ ޕީޕީއެމްގެ ބަޔާނުގެ ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދާދި ފަހުން މާލޭގެ ރައްޔިތުންނަށް ދިމާވި ފެން ނުލިބުމުގެ ހިތާމަވެރި ކާރިސާގައިވެސް ބޭރުގެ އެތައް ގައުމަކުން އެކި ގޮތްގޮތުން ސަރުކާރަށް އެހީވެފައިވާކަމަށާއި އަދި ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބޭރު ގައުމުތަކާއި ގުޅިގެން ސަރުކާރުން ބިޔަ ޕްރޮޖެކްޓްތަކެއް ފައްޓަވާފައިވާކަމަށެ.

އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އެކި އެކި މަޝްރޫއުތައް މިހާރުވެސް ހިންގަމުން އަންނަ ކަމަށާއި ހަމައެހެންމެ އެފަދަ އިތުރު މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން ދާކަންވެސް ފާހަގަ ކުރާ ކަމަށެވެ. އަދި މީގެ އިތުރުން މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ދެއްވަމުން ގެންދާ ސަރުކާރެއް ކަމަށާއި މި ސަރުކާރު އޮންނާނީ ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައި ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *