ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުވުމަށް އެހީތެރިވުމުގެ ގޮތުން ކޮމަންވެލްތުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ހާއްސަ މަންދޫބް ޑރ ވިލީ މުތުންގާ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ބައްދަލު ކުރައްވައިފި އެވެ.
ރައިސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮމަންވެލްތާއި ރާއްޖެއާ ދެމެދު މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ކޮމަންވެލްތު ސެކްރެޓަރީ ޖެނަރަލްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު މުތުންގާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އޭނާގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފޮރިންގ މިނިސްޓަރު މުހައްމަދު އާސިމް އާއި ބައްދަލު ކުރެއްވި އެވެ. އަދި އިއްޔެ ވަނީ އިދިކޮޅު އިއްތިހާދުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައި އެވެ.
އަދި އިއްޔެ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރައްވާފައި އެވެ.
އޭނާ ރާއްޖެއަށް ކުރަމުން މިދަނީ ފަސް ދުވަހުގެ ދަތުރެކެވެ. މި ދަތުރާއި ގުޅޭގޮތުން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރައްވާނެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ މެދުގައި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމުކޮށް ހިޔާލުތަފާތުވެފައިވާ މައްސަލަތަކުގައި އެންމެން ވާހަކަދައްކައިގެން ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެންމެންނަށްވެސް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.