ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން  --
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން --

ކޯޓުން އަމުރުނެރުނީ ގުނަވަންތަކާއި ކޮމިޓީތައް ހިނގަމުން ދަނިކޮށް: ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލާއި ގޮފިތަކުގެ ބައްދަލުވުންތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ނެތި ނުބޭއްވުމަށް އަންގާފައިވާ އެންގުން ސިވިލް ކޯޓުން ބާތިލު ކުރީ އެ އެންގުން ރައީސް މައުމޫން ބާތިލް ކުރެއްވި ފަހުން ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ސިވިލް ކޯޓުން މިއަދު އެގޮތަށް  އަމުރުކޮށްފައިވާއިރު ޕީޕީއެމްގެ ރައީސް މައުމޫން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދީފައި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ޕާޓީގެ ގުނަވަންތަކާއި ގޮފިތަކާއި ކައުންސިލްގެ ހަރަކާތްތައް ޕާޓީގެ ރައީސް މައުމޫން ވަކި އެއްޗެއް އަންގަވަންދެއް ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދިނުމަށް އެދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ އެންގުން މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އަބްދުލް އަލީމް ވިދާޅުވީ ކޯޓުން އަމުރު ނެރެފައިވަނީ އެޕާޓީގެ ގުނަވަންތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ބަރާބަރަށް ހިނގަމުންދަނިކޮށް ކަމަށެވެ. އެހެންކަމުން އެ އަމުރަށް އަމަލު ކުރާނެ އާ ގޮތެއް ނެތް ކަމަށެވެ.

”އަޅުގަނޑުމެން ވާނީ މައުމޫން އެ ހުއްދަ ދެއްވި ފަހުން ކައުންސިލް ބައްދަލުވުމެއް ބާއްވަންވެސް މަސައްކަތް ކޮށްފައި. ކޯރަމްގެ މައްސަލަ ދިމާވެ އެ ބައްދަލުވުން ނިންމާލަން ޖެހުނީ. އެހެންވީމަ މި ދަންނަވަނީ ގުނަވަންތަކާއި ގޮފިތައް ހިނގަމުން ދަނިކޮށޭ ކޯޓުން އަމުރު ނެރުއްވީ،“ އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައިސް މައުމޫން މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން ކައުންސިލް ބައްދަލުވުމެއް ނޯންނާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވަނީ ކުރީގެ ހާލަތަށް ގެނެސްފައި ނޫން ކަމަށެވެ. އަލީމް ވިދާޅުވީ ޕާޓީގެ ރައީސް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ކުރިން ނިންމަވާފައި އެވަނީ ދެން ކައުންސިލް ބައްދަލުވުން އޮންނާނެ އިރެއް ކަމަށެވެ.

ޕީޕީއެމް އެތެރޭގައި އުފެދުނު ހިޔާލތު ތަފާތުވުންތަކަކާއި ގުޅިގެން ދެ ފެކްޝަނެއް ވަނީ އުފެދިފައި އެވެ. އެގޮތުން ރައީސް ޔާމީނަށް ގިނަ މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވަޒީރުން ތާއީދު ކުރައްވާއިރު ޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ މީހުންނާއި ޕާޓީގެ އެހެން ގޮފިތަކުން ތާއީދު ކުރައްވަނީ ރައީސް މައުމޫނަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *