ހުޅުމާލޭ އަތިރިމަތީގައި 145 ފްލެޓް އެޅުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކޮށްފި އެވެ.
އެޗްޑީސީން ބުނީ ރެއިންބޯއާއި އަޅަންހަވާލު ކުރި ފްލެޓުތަށް ސޮއި ކުރާ ދުވަހުން ފެށިގެން 26 މަސްތެރޭ ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވާނެ ކަމަށެވެ. ރެއިންބޯ އާއި ފްލެޓު އަޅަން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ.
ރެއިންބޯގެ އިތުރުން އެހެން ކުންފުނިތަކަކާއިވެސް އެޗްޑީސީން ވަނީ ހުޅުމާލޭގައި ފްލެޓު އެޅުމަށް ހަވާލުކޮށްފައި އެވެ.
އެގޮތުން ހުޅުމާލޭގައި 100 ފްލެޓު އެޅުމަށް އެންސިސް ފިޝަރީސް އާއި ހަވާލުކޮށްފައިވާއިރު 72 ފްލެޓު އޭޅުމަށް ރެނާޓަސް ޕްރޮޖެކްޓްސް އާއި ހަވާޅުކޮށްފައިވެ އެވެ. އަދި 95 ފްލެޓު އެޅުމަށް ދަމާސް ކުންފުންޏާއި ހަވާލުކޮށްފައިވާއިރު ބެޗް ކޮންސްޓްރަކްޝަންގެ އިތުރުން އެޕޯލޯ ހޯލްޑިންސް އާއި ހަވާޅުކޮށްގެންވެސް ފްލެޓުތަކެއް އަޅަމުންދާ ކަމަށެވެ.
އެޗްޑީސީން ބުނީ މި ހުރިހާ ކުންފުނިތަކަކާއިވެސް ފްލެޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާނީ ސޮއި ކުރާތާ 26 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ.