އިބޫ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ – ފޮޓޯ: އެމްޑީޕީ
އިބޫ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ – ފޮޓޯ: އެމްޑީޕީ

އިބޫ ފުލުހަށް ހާޒިރު ކުރީ ކަރެކްޝަންސް އިން ނަޝީދަށް ދިން ސިޓީގެ މައްސަލާގައި

އެމްޑީޕީ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ފުލުސް އޮފީހަށް ހާޒިރުކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސް އިން ދިން ލިޔުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު މިދިޔަ އަހަރުގެ ޖުލައި މަހު ގެއަށް ބަދަލުކުރި އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ލިއުމެއް ދިނުމަށް ފަހު ކަމަށް، ނަޝީދުގެ އާއިލާ އާއި އެމްޑީޕީން ބުނެ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެކަހަލަ ލިޔުމެއް ނުދޭ ކަމަށެވެ. އެހެންވެ އެ ލިއުމުގެ ސައްހަކަން ބަލައިދޭން އެމްޑީޕީން އޮތީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ރޭ ފުލުސް އޮފީހުން ނުކުމެވަޑައިގެން އިބޫ ވިދާޅުވީ މައްސަލަ ހުށަހެޅިތާ އަހަރެއް ފަހުން ފުލުހުން ކުއްލިއަކަށް އެ މައްސަލަ ބަލަން ފެށުމުން ހައިރާންވެވަޑައިގެންނަވާ ކަމަށެވެ. އަދި މި މައްސަލައިގަ ޝާމިލްވާ މީހުންގެ ތެރޭގައި ރައީސް ޔާމީންވެސް ހިމެނޭ ކަމަށާއި ނަމަވެސް މިހާ ދުވަސް ވީއިރު ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކޮށްފައި ނުވާ ކަމަށެވެ.

އިބޫ ވިދާޅުވީ އޭނާ އާއި ސުވާލު ކުރީ މިކަން ފެށިގެން އައިގޮތާއި އަނބުރާ ރައީސް ނަޝިދު ޖަލަށް ގެންދިއުމާއި ހަމައަށް ވެފައިވާ ގޮތް ކަމަށެވެ.

ބޭސްފަރުވާ އަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު ނަޝީދު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *