އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ އަހްމަދު ތަސްމީން އަލީ އާއި ހަސަން ލަތީފު އަދި ޝިދާތާ ޝަރީގެ ފޯނު، ފުލުހުން ހިފެހެއްޓުމަށް ފަހު އަނބުރާ ރައްދު ކޮށްފި އެވެ.
އެ ތިން މީހުންގެ ފޯނު ފުލުހުން ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފޯނު ހިފެހެއްޓީ، ހައްޔަރުކުރާ މީހުންނަށް އެހީވާން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ހައިރާތު ފަންޑާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެ ތިން މީހުން ހާޒިރު ކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ ތިން މީހުންގެ ފޯނު އަނބުރާ ރައްދު ކުރީ އިއްޔެ ހަވީރު ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެ އެވެ.
ޓްވީޓުތަކެއް ކޮށްގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ފޯނުވެސް ފުލުހުން ހިފެހެއްޓި އެވެ. އަދި ރޭ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުހަށް ހާޒިރުކޮށް ވަނީ ފޯނު ހިފަހައްޓާފައި އެވެ.
ހަމަ އެގޮތަށް ފޭސްބުކްގައި ލިޔުނު އެއްޗަކާއި ގުޅިގެން ޑރ މުހައްމަދު އިޔާޒު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އެ މައްސަލަ ހުށަހެޅި ޝަރުއީ ދާއިރާއިން ކަމަށް ފުލުހުން ބުނެ އެވެ.