އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
ބިލް މަޖިލީހަށް ބަލައިގެންނަށް ފާސްކުރީ 38 މެންބަރުންގެ ތާއީދާއި އެކުއެވެ. ބަލައިގެންނަށް ނުފެންނަ ކަމަށް 28 މެންބަރުން ވޯޓުދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު އޮންނެވި އެވެ.
ބިލް ބަލައިގަތުމަށް ފަހު 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.
އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ހަ މެމްބަރުންނާއި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ދެ މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެވެ.
އޕީޕީއެމްގެ މެންބަރުންގެ ތެރެއިން ކޮމޓީގައި ހިމެނިވަޑައިގެންނަވަނީ އަބްދުﷲ ހަލީލް އާއި އަލީ އާރިފާއި ޖަމީލް އުސްމާނާއި ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ޝިނާން އަލީ އާއި ބިލު ހުށައެޅުއްވި ޖައުފަރު ދާއޫދެވެ. ޖުމްހޫރީ ޕާޓިގެ ފަރާޓުން ކޮމިޓީގައި ހިމެނެނީ އިލްހާމް އަހުމަދާއި މޫސާ ނިޒާރެވެ. އެމްޑީއޭގެ އަހުމަދު އާމިރުގެ އިތުރުން ދެން ކޮމިޓީގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ މާރިޔާ އަހުމަދު ދީދީ އާއި ފައްޔާޒު އިސްމާއިލެވެ.
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލް މަޖިލީހަށް ބަލއިގަނެފައި މިވަނީ ޕީޕީއެމްގެ ބައެއް މންބަރުންނާއި އިދިކޮޅު މެންބަރުން ބިލާއި ދެކޮޅލު ހައްދަވާފައިވަނިކޮށެވެ. އަދި ނޫސްވެރިންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބިލް އަނބުރާ ގެންދިމަށް ގޮވާލަމުން ދަނިކޮށެވެ.