ހިޔާލުފާޅުކުރުން ހަނިކުރުމަށް މަޖިލީހަށް ސާރުކާރު ކޯލިޝަނުން ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލާ ދެކޮޅުކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާޜިސް މިކަން ހާމަކޮށްފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ފާރިސް ވިދާޅުވެފައިވަނީ މިހާރު އޮތް ގޮތަށް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ ބިލް ބަލައިގަތުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
Aburu rakkaatheri kurumuge bill hushahelhifa vaagothah Majleehah balaigathumakah alhugan'du thaaeedheh nukuran
— faris ???????? (@afarismaumoon) July 31, 2016
ފާރިސް އަކީ މިހާރު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ގަބޫލެއް ނުކުރައްވައެވެ. އަދި އޭނާއަށް ޕީޖީ ގްރޫޕުގެ ނިންމުންތައް އެންގުންވެސް ވަނީ ހުއްޓާލާފައި އެވެ.
ފާރިސް ބިލާ ދެ ކޮޅުކަން ހާމަކުރެއްވި ނަމަވެސް މިހާރު ބިލް ހުށަހަޅާފައިވާގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބިލް ފާސް ކުރާނެ ކަމަށް ޕީޕީއެމް މަޖިލީސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ފާރިސް ގެ އިތުރުން މި ބިލާއި ދެކޮޅުކަން އިދިކޮޅު ފަރާތްތަކާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ހާމަ ކުރަމުންނެވެ.
މި ބިލާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ނޫސްވެރިކަން މަރާލައި، ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަންގެ ވާހަކައިގެ އަޑު ކަނޑުވާލުން ކަމަށެވެ.
ބައިނަލް އަގުވާމީ އިންސާނީހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދޭން އުޅޭ ހަމަލާއެއް ކަމަށެވެ. އަދި މި ބިލު ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއި ނޫސް ތަކަށް ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.
މި ބިލާ ދެކޮޅުކަން ދިވެހި ނޫސްވެރިންވެސް ދަނީ ހާމަ ކުރަމުންނެވެ. އެ ގޮތުން، “27ގެ ދިފާއުގައި” ނަމުގައި ކެމްޕޭނެއް ފަށައި ބިލާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކޮށް، މި ބިލު ފާސްކުރުން ހުއްޓުވަން އަންނަނީ ބާރު އަޅަމުންނެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެ ވަޑައިގެންނަވާ މެންބަރުން ވިދާޅުވަނީ ބިލް އޮތް ގޮތަށް ފާސް ކުރާނެ ކަމަށެވެ.