އިސްލާމިކް ފައިނޭންސާއި އިގްތިސާދާ ގުޅޭ ކޯސްތައް ހިންގުމަށް މެލޭޝިއާގެ އިސްލާމިކް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އާއެކު އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންސީފާ އެކު އައިޔޫއެމް އިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި އިސްލާމީ ފައިނޭންސްއާ ބެހޭ ފައުންޑޭޝަން، ޑިޕްލޮމާ އަދި ބެޗްލާސްގެ މުގައްރިރުތައް އެކުލަވާލުމާއި އައިޔޫއެމް އާއި އިންސީފްއާ ގުޅިގެން އިސްލާމީ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. އަދި ދެ ފަރާތް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ ކޯސްތަކުގެ ތެރެއިން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިސްލާމީ ފައިނޭންސް ދާއިރާގެ ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް އެ ޔުނިވާސިޓީގައި ފެށިގެންދާނެ އެވެ. އަންނަ ސެމިސްޓާގައި އިސްލާމިކް ފައިނޭންސްގެ ކޯސްތައް ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓާސް ލެވަލްއާ ހަމައަށް ކިޔަވައިދޭން ފަށާނެ އެވެ.
މި ތިން އެއްބަސް ވުމުގައި ވެސް އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އިންސީފްގެ ފަރާތުން ސޮއި ކުރެއްވީ އެ މުއައްސަސާގެ ރައީސް އަދި ސީއީއޯ ޑޭވިޑް ވިކަރީ އަބްދުﷲ އެވެ.