ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވާއިރު އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަމްއޫން ޖަލީލްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ދިއުމުން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައި ވާކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ލޫކަސް ހައްޔަރުކޮށްފައިވަނީ ރޭގެ 10:00 ހާއިރު އެވެ. އޭނާ ހައްޔަރުކުރީ އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.