އިދިކޮޅު އިއްތިހާދުން އިއްޔެ ބޭއްވި ހަވީރުގެ ސަޔަށް ފުލުހުން ހުރަސް އަޅާ ސައި ތައްޔާރުކޮށްފައި ހުރި މޭޒު ގެންގޮސްފައިވަނިކޮށް އަނެއްކާ މިއަދު ހަވީރު ވެސް ސައި ބާއްވަން ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނީ އިއްތިހާދުން ބާއްވާ ހަވީރުގެ ސައި މިއަދު 04:30 އެމްޑީޕީ ހަރުގޭގައި ފެށޭނެ ކަމަށެވެ. އަދި ޖަލްސާ 10:00 ގައި އޮންނާނެ ކަމަށެވެ.
އިއްޔެ އެމްޑީޕީން ހަރުގޭ ކުރިމަތީގައި ބޭއްވި ހަވީރުގެ ސަޔަށް ފުލުހުން ހުރަސް އެޅީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ނަމަވެސް އެމްޑީޕީން ބުނީ އޭގެން އެއްވެސް ބަޔަކަށް އުނދަގޫ ނުވާނެ ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ އިދިކޮޅު ހަރަކާތްތަކަށް ހުއްޓުވާލުމަށް ކަމަށެވެ.
އެމްޑިޕީގެ ޗެއާޕާސަންގެ ނާއިބް އަލީ ނިޔާޒު ވިދާޅުވީ ސައި ބުއިން އިއްޔެ އެތާ ބާއްވަން ޖެހުނީ އިދިކޮޅު ހަރަކަތްތައް ކުރިޔަށް ގެންދާނެ ތަނެއް ސަރުކާރުން ދޫނުކުރާތީ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ އެފަދަ ހަރަކާތްތައް ބާއްވާނެ ހުސްތަނެއް ސަރުކާރުން ހަމަޖައްސައިދޭނަމަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި އެކަން ކުރަން ނުޖެހުނީސް ކަމަށެވެ.
އޭނާ ވިދާޅުވީ އޮންނަ އުސޫލުގެ ދަށުން ހުއްދަ ނަގައިގެން ހަރަކާތްތައް ހިންގުމަށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެ ހުއްދަ ސަރުކާރުން ނުދޭތީ ދެން ހަރަކާތްތައް ހިންގާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދޭ އެއްވެސް އުޅުމުގެ ހައްގާއި އެއްގޮތަށް ކަމަށެވެ.
އިއްޔެ ހަވީރު ބޭއްވި ސައި ފެށުމާއި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެކަމަށް ހުރަސް އަޅާ އެ އެއްޗެހި އެތަނުން ނެގުމަށް އަންގާފައި އެވެ. އަދި ނުނެގުމުން އެސްއޯ ފުލުހުން ގޮސް ހެދިކާތަކާއި އެކު މޭޒުތަކާއި ތަށިތައް ވަނީ ގެންގޮސްފައި އެވެ.
އެވަގުތު ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި މީހުންގެ ގަޔަށް ކަރުނަގޭސް ޖަހާފައި އެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ގަޔަށް ފެންފުޅިއެއް އެއްލި މީހަކު ހައްޔަރުކޮސްފައިވާއިރު ފަހުން ފުލުހުން ވަނީ ރައްޔިތުންނާއި ފުލުހުންނާއި ދެމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓެއް ހައްޔަރުކޮސްފައި އެވެ.