މެންބަރު އަލީ ހުސައިން – ފޮޓޯ: މަޖިލީސް
މެންބަރު އަލީ ހުސައިން – ފޮޓޯ: މަޖިލީސް

މެންބަރު އަލީ ހުސައިން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ

 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަނެއްކާވެސް ޗިޓު ފޮނުވައިފި އެވެ.

އޭނާއަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 08:30 އަށެވެ.

މިދިޔަ ހޯމަ ދުވަހުވެސް އޭނާ ފުލުހުން އިދާރާއަށް ހާޒިރު ކުރި އެވެ. އެ ދުވަހު ހާޒިރު ކުރީ އަލީ ހުސައިން ކުރެއްވި ޓުވީޓަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވާއިރު އެ ދުވަހުވަނީ އެ މައްސަލައާއި ގުޅިގެން މި ހަފްތާގައި ހާޒިރުވާން ޖެހިދާނެކަން އަންގާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނުކުމެ ވަޑައިގެން ވިދާޅުވީ އޭނާ ހާޒިރު ކުރީ މިމަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓުވީޓުގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅޭގޮތަށް ލިޔެފައިވާތީ ކަމަށް ބުނެ ކަމަށެވެ. އެ ޓުވީޓުގައި އަލީ ހުސައިން ވިދާޅުވެފައިވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓުވީޓުގައި ބުނެފައިވަނީ ގާނޫނުގައި އޮތް އެއްޗެއް ކަމަށާއި އެއްވެސް ހާލެއްގައި އެއީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުން ނޫން ކަމަށެވެ. އަދި ފުލުހުން މަސައްކަތް އެ ކުރަނީ އޭނާގެ މައްޗަށްވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާކޮށް ޖަލަށް ލުމަށް ކަމަށެވެ.

މިދިޔަ ހަފްތާގައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވަކި ދެ ދައުވާއެއް ކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަން ސާބިތުވާ ކަމަށް ކަނޑައަޅާ ޖުމްލަ 10 މަހާއި 24 ދުވަހަށް ޖަލަށް ލާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *