މިއަހަރުގެ ތިން ވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 205 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން ބުނީ މިއީ މިއަހަރުގެ ދެވަނަ ކުއާޓާއާއި އަޅާ ބަލާއިރު 105 މިލިޔަން ރުފިޔާގެ ކުރިއެރުމެއްކަމަށެވެ. ބީއެމްއެލްއިން ބުނީ ކުންފުންޏަށް ލިބޭ ސާފު ފައިދާ އިތުރުވަމުންދާތީ، ހަރަދުތައް އެއް މިންގަޑެއްގައި ހިފެހެއްޓި، ލޯނު ދޫކުރެވޭ އަދަދު އިތުރު ކުރަމުންދާކަމަށެވެ.
އެ ކުންފުންޏަކަށް ލިބުނު ސާފު ފައިދާ އާއި ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ އެންޑްރޫ ހިލީ ވިދާޅުވީ ބޭންކުގެ މުހިންމު ގިނަ ދާއިރާތަކެއްގައި މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި، މި ލިބޭ ކުރި އެރުމާއި އެކު ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
އާ ޓެކްނެލޮޖީ ބޭނުންކޮށްގެން ކަސްޓަމާ ސާވިސްގެ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު މިދިޔަ އޯގަސްޓް މަހުގައި އާ ކޯ ބޭންކިންގ ސިސްޓަމް ގާއިމް ކުރެވިފައި ވުމުން މިހާރު ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
.“ކުރިން ބޭނުން ކުރަމުން އައި ސިސްޓަމުން އާ ސިސްޓަމަކަށް ބަދަލު ކުރެވުމުން ކަސްޓަމަރުންގެ ތަރުހީބާއި ކެއްތެރިކަމަށް ޝުކުރު ދަންނަވަން. މި ގެނެވުނު ހެޔޮ ބަދަލުތަކުގެ ފައިދާ ކުރިމަގުގައި ކަސްޓަމަރުންނަށް ފެންނާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަން،“ އެންޑްރޫ ވިދާޅުވި އެވެ.
އެ ކުންފުނިން ވަނީ ބޭންކިންގެ ހިދުމަތް ނުލިބޭ ނުވަ ރަށަކަށް މި ކުއާޓާގައި ޕީއޯއެއް ޓާމިނަލް ބޭނުންކޮށްގެން ފައިސާ ނެގޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ. އަދި މިއަހަރު ނިމޭއިރު މި އަދަދު 50 ށް އިތުރު ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.