އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް އިން އުފައްދާ ”ތާޒާ“ ބްރޭންޑްގެ މިނަރަލް ވޯޓާގެ ބައެއް ފުޅިތައް ފުސްކޮށް ހުންނާތީ އެ ފުޅިތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ތާޒާ ފެންފުޅިތައް ފުސްކޮށް ހުރުމުގެ އިތުރުން ފުޅިތަކުގައި ބެޗް ކޯޑާއި އުފެއްދި ތާރީހް އެނގެން ނުހުންނަ ކަމަށް އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެމްއެފްޑީއޭއިން ވަނީ ބާޒާރުގައި ހުރި ތާޒާ ފެން ފުޅިތަކުގެ ތެރެއިން މައްސަލަ ހުރި ފުޅިތައް ނަގަން ފަށާފައި އެވެ.
”މިހާރު ބާޒާރުގައި ހުރި ފެން ފުޅިތަކުގެ ތެރެއިން ބެޗް ކޯޑާއި، އުފެއްދި ތާރީހް އެނގެން ނެތް އުފެއްދުންތަކާއި އަދި ފުސްވެފައި ހުރި ފުޅިތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން،“ އެމްއެފްޑީއޭގެ ބަޔާނުގައި ބުންޏެވެ.
މި މައްސަލަ ދިމާވުމުން އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ދިމާވީ1.5 ލިޓަރުގެ ފުޅި އާއި 500 މިލި ލިޓަރުގެ ފުޅި އަދި 330 މިލި ލިޓަރުގެ ފުޅި އަށް ކަމަށެވެ. އެހެން ދިމާވީ ފުޅި ފުއްޕާ މެޝިނުގައި ޖެހުނު މައްސަލަ އަކުން ކަމަށާއި މިހާރު އެކަން ހައްލު ކުރަމުންދާ ކަމަށެވެ.
އަދި އެ މައްސަލައިގެ ސަބަބުން އެ ކުންފުނިން ވިއްކާ ފެނުގެ ކޮލިޓީ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.