ރާއްޖެ ކަހަލަ ގައުމަކާއި އީ ވޯޓިން ނުގުޅެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫއިން ކުރި ޓުވީޓެއްގައި ބުނެފައިވނީ ރާއްޖެ ކަހަލަ އެންމެ 350،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމެއްގައި އީ ވޯޓިން ބޭނުން ކުރަން ފަށަން އެހާ ވަރަކުން އުޅުމަކީ ރާއްޖެއާ ނުގުޅޭ ކަމެއް ކަމަށެވެ. އެ އެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އީ ވޯޓިން ބޭނުން ކުރަން ފެށުމުގެ ކުރިން އެ ނިޒާމާ މެދު އިތުބާރު އުފައްދާ މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ވާނެ ކަމުގެ އިތުބާރު ހޯދަންޖެހޭ ކަމަށެވެ.
އީޔޫއިން މިހެން ބުނި އިރު އިދިކޮޅު ފަރާތްތަކުންވެސް ދަނީ އީވޯޓިންގ އާއި އެކު އިންތިހާބު ބާއްވަން ދެކޮޅު ހަދަމުންނެވެ. އެގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ވަނީ އީ ވޯޓިންގ އަށް އިތުބާރު ނެތް ކަމަށް ބުނެފައި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ މި ނިޒާމުގެ ސަބަބުން ވޯޓު އޮޅުވާލަން ފަސޭހަ ވާނެ ކަމަށާއި އިލެކްޝަނުން އެ ކަން ކުރަން އެއުޅެނީ ރައީސް ޔާމީނަށް ވޯޓު ހޯދައިދިނުމަށް ކަމަށެވެ.
ނަމަވެސް އިލެކްޝަނުން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރި އަށް ގެންދިއުމަށެވެ. އެކަމަކު އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ.