އިސްލާމީ މަރުކަޒު ސަރަހައްދުން ރޭ ހައްޔަރު ކުރި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފް ބަންދު ކުރިތާ ހަތަރު ގަޑި އިރު ފަހުން ދޫކޮށްލައިފި އެވެ.
އެ ދެމީހުންނާއި އެ ސަރަހައްދުން ދެން ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވާއިރު އެ އެންމެންގެ ބަޔާން ފުލުހުން ނަގާފައި ވެއެވެ.
ފުލުހުން ބުނީ ރޭ އިސްލާމީ މަރުކަޒު ސަރަހައްދުން ބަޔަކު ހައްޔަރު ކުރީ ސާފު ކުރަން ބޭނުންވާ މައުލޫމާތުތަކެއް ސާފު ކުރުމަށް ކަމަށެވެ.
ހުސައިން ފިޔާޒުގެ ބަޔާން ނަގާފައިވަނީ އޭނާ އެތަނުގައި ސިޔާސީ ހަރަކާތް ހިންގަން އުޅުން ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ބުނީ އިސްލާމީ މަރުކަޒު ސަރަހައްދަށް ރޭ ދިޔައީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ލިބިފައިވާ ދައުވަތަކަށް ކަމަށެވެ. އަދި ރޭ ރާއްޖެ ޓީވީން ބުނީ ފިޔާޒު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އެ ހަފްލާގެ ލައިވް ކަވަރޭޖު ކުރިޔަށް ގެންދަނިކޮށް ކަމަށެވެ.
އާޒިފުގެ ބަޔާން ނެގީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމަށް ބުނެ އެވެ. އާޒިފް ބުނީ އޭނާ ހައްޔަރު ކުރީ އިޝާ ނަމާދަށް އިސްލާމީ މަރުކަޒަށް އަރަން އުޅުމުން ނޭރޭނެ ކަމަށް ފުލުހުން އެންގުމުން އެކަމާއި ގުޅިގެން ދެކެވުނު ވާހަކަތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ ދައުރު އަދާ ކުރުމަށް އަދި ނުކިޔަމަންތެރިވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް އާޒިފު ބުންޏެވެ.
ރޭ ދެން ހައްޔަރު ކުރި މީހުންގެ ތެރޭގައި މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ތޯރިގާއި ޝައިހް ހުސައިން ރަޝީދު ހިމެނެ އެވެ. އެ އެންމެން ހައްޔަރު ކުރީ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށް ފަހު ދުއާ ކުރުމުންނެވެ.