މަޖިލީހަށް ވައްދާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ދެކޮޅުކަން ހާމަ ކުރުމުގެ ގޮތުން ދިވެހި ނޫސްވެރިން ހިނގާލުމެއް ބާއްވައިފި އެވެ.
މިރޭގެ ހިނގާލުމަށް ނޫސްވެރިން ދީފައިވާ ނަމަކީ ”27 ގެ ދިފާއުގައި“ އެވެ.
މިރޭ 09:00 ގައި ފެށި ހިނގާލުމުގައި ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ގިނަ ނޫސްވެރިންތަކެއް ބައިވެރިވެފައި ވެއެވެ. މި ހިނގާލުމުގައި އަބުރުގެ ބިލާ މެދު ހުރި ކަންބޮޑުވުންތަށް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވެ އެވެ.
އެގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްކާތެރިކޮށްދިނުމަށް ލިޔެފައިވާ ބޯޑުތަކެއް ގެންގުޅުނެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން މިނިވަން ކުރުމަށާއި މީޑިއާތަކަށާއި ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތި ކުރާ ފިއްތުންތައް ހުއްޓާލުމަށް ގޮވާލާ ލިޔެފައިވާ ބޯޑުތައް ގެންގުޅުނެވެ.
މީގެ އިތުރުން ނޫސްވެރިންނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމަށް ގޮވާލާ ބޯޑްތަކެއްގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ކޮބައިތޯ ލިޔެފައިވެ އެވެ..
މި ހިނގާލުން ދަރުމަވަންތަ ސްކޫލާއި ހިސާބުން ފުލުހުން ހުއްޓުވުމުން ނޫސްވެރިން ވަނީ އެއްވެސް ދެބަސްވުމެއްނެތި އެހެން މަގުތަކުގައި ހިނގާލުން ކުރިޔަށް ގެންދަން މަސައްކަތް ކޮށްފައި އެވެ. ނޫސްވެރިން ބުނީ މިހިނގާލުމަކީ ސުލްހަވެރި ހަމަ ހިމޭން ހިނގާލުމެއް ކަމުން ފުލުހުން ވަކި މަގަކުން ނުދެވޭނެކަމަށް އެންގުމުން އެކަމަށް އިހުތިރާމް ކުރާނެ ކަމަށެވެ.
ނަމަވެސް އެއްވެސް މަގަކުން ޝުއޫރު ފާޅު ކުރަމުން ނުހިނގޭނެ ކަމަށާއި މަޑުކޮށްގެން ތިބެވެސް ޝުއޫރު ފާޅު ނުކުރެވޭނެ ކަމަށް ފުލުހުން އެންގުމުން ނޫސްވެރިން ވަނީ މިރޭގެ ހިނގާލުން ނިންމާލާފައި އެވެ. ނިންމާލި އިރު ނޫސްވެރިން ޝުއޫރު ފާޅު ކުރަން މަޑުކޮށްގެން ތިބީ ވީޓީވީ ގޯޅި ތެރޭގައި އެވެ.
ހިނގާލުމުގައި އިސްކޮށް އުޅުނު ނޫސްވެރިން ބުނީ ކުރިޔަށް އޮތްތާވެސް ނޫސްވެރިންގެ ޝުއޫރު ފާޅު ކުރުމަށް މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދާނެ ކަމަށެވެ.