ދިވެހިރާއްޖޭގެ ގައުމީ ސަލާމުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ރައްޔިތުންގެ އުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި ތަހުނިޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަ ކުރާއިރު ރާއްޖޭގެ ގައުމީ ސަލާމުގެ މުހިންމު ކަން ހިތަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން، އޭގައި ބުނާ ގޮތަށް އެކުވެރިކަން މަތީ ތިބެ ސަލާންކޮށް، ގައުމީ ބަހުން ހެޔޮ ދުއާކޮށް، ގައުމީ ނިޝާނަށް ބޯލެނބުން ފަދަ ވާހަކަތައް އެކަށަ އަޅާ އެކަންކަން ކުރުން މަތީ ދިވެހީން ދެމި ތިބެންޖެހޭކަން ކަމަށް މަސީހު ވިދާޅުވި އެވެ.
މަސީހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބެގެން ދިވެހި ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތުން ކަމަށެވެ.
އެހެންކަމުން އެ ގައުމީ ސަލާމުގެ ރޫހާ އެއްގޮތަށް ރައްޔިތުން އުޅުމާއި ގުޅުންތައް ފަރުމާ ކުރުމަށް ގޮވާލައްވާ ކަމަށް މަސީހު ވިދާޅުވި އެވެ.
”ގައުމީ ސަލާމް ކިޔައި، ގައުމީ ސަލާމުގެ ޖޯޝާއެކު އަމަލީ މައިދާނުގައި އަޅުގަ ނޑުމެންގެ އުޅުންތަކާއި ގުޅުންތައް، ޤައުމީ ސަލާމުގެ ރޫހާ އެއްގޮތަށް ފަރުމާކުރުމުގެ އަޒުމް އާކުރަމާތޯ،“ މަސީހު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ހުރިހާ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ، ފޮނުއްވާއިފަ އެވެ.