30މާރޗް 1984 ވަނަ އަހަރު ވ.ރަކީދޫ ނަރުގިސްވިލާ ގެއަށް އުފަން އަލްމަރުހޫމް ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު އަކީ މީހުންނާއި ގުޅޭ އެކުވެރިއެކެވެ. އެކުގައި މަސައްކަތްކުރާ ފުލުހުންގެ ގާތް އެކުވެރިއެކެވެ. އޭނާގެ އަލަތު އަނބިމީހާއަށް ލިބިފައިވާ ތުއްތު ތުއްތު ދަރިފުޅުގެ މުސްތަޤްބަލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅައިގެން ހުރި ނޫކަށި ޒުވާނެކެވެ. މައިން ބަފައިންނައި އާއިލާދެކެ އިންތިހާއަށް ލޯބިވާ ދަރިއެކެވެ.
ނަމަވެސް 2007 މާރޗް 13 ވަނަ ދުވަހުގެރޭ ވެގެން ދިޔައީ އަލްމަރުހޫމް ކޮންސްޓަބަލް ޔޫސުފް ޟަމީރުގެ އާއިލާއަށް ފުން ހިތާމައެއް ލިބިގެން ދިޔަ ދުވަހަކަށެވެ. އޭނާ ނިޔާވެފައިވަނީ 2007 މާރޗް 13 ވަނަ ދުވަހުގެރޭގައި ދޫނިދޫ ޑިއުޓީއަށްދިޔަ ދަތުރުމަތީ ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ލޯންޗަކުން އޭނާ ދަތުރުކުރި އުޅަނދުގައި ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކަނޑަށްވެއްޓިއެވެ.
ނަމަވެސް ކޮންސްޓަބަލް ޔޫސުފު ޟަމީރުގެ ހަށިގަނޑު ފެނިފައިވަނީ މިއެކްސިޑެންޓްގެ 05 ދުވަސް ފަހުން ކަނޑުމަތިން އޮޔާދަނިކޮށެވެ. އޭރު ކޮންސްޓަބަލް ޔޫސުފު ޟަމީރުވަނީ ނިޔާވެފައެވެ.
މިހާދިސާއާއި ގުޅިގެން އަލްމަރުހޫމް ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރުގެ ހިތާމައިގައި އޭނާގެ މަންމަ ސިއްތި ޔޫސުފް ވަނީ ނިޔާވެފައެވެ. އެއީ މިހާދިސާގައި ޔޫސުފް ޟަމީރު ގެއްލުނުތާ ދެ ވަނައަށް ވީ ދުވަހެއެވެ. ޔޫސުފް ޟަމީރުގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނުތާ ފަސް ވަނައަށް ވީދުވަހުއެވެ. އެއީ އޭނާގެ މަންމަ ނިޔާވިތާ ދެ ދުވަސް ފަހެވެ. އޭރު ޔޫސުފް ޟަމީރުގެ އަނބިކަނބަލުން ފާތިމަތު ޝާރިދާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އޭރު އޭނާގެ ބަނޑަށް 5 މަހެވެ. މިހާދިސާއާއި ގުޅިގެން ފާތިމަތު ޝާރިދާގެ ހާލު ދެރަވެ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނެވެ.
އަލްމަރުޙޫމް ކޮންސްޓަބަލް ޔޫސުފު ޟަމީރު ޤައުމީ ޚިދުމަތަކީ ދުވަހަކުވެސް ގުނާ އަދަދު ނުކުރެވޭފަދަ މަތިވެރި ޚިދުމަތެކެވެ. ޖީސީއީ އޯލެވެލް ފުރިހަމަކުރެއްވުމަށްފަހު އޭނާ ފުލުހުންގެ ޚިދުމަތާއި ގުޅިފައިވަނީ 2004 ސެޕްޓެމްބަރ 30 ވަނަ ދުވަހުއެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި މެދުނުކެނޑި 2 އަހަރާ 5 މަހާއި 18 ދުވަހު ޚިދުމަތްކޮށްފައެވެ. ފުލުހުންގެ ތެރޭގައި އެންމެ ގިނަ ދުވަހު އޭނާ މަސައްކަތްކޮށްފައިވަނީ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގައެވެ. އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އޭނާ އެންމެ ގިނަ ދުވަހު މަސައްކަތްކުރި ކަސްޓޯޑިއަލް ޑިޕާޓްމަންޓުންދަނީ އަލްމަރުޙޫމް ކޮންސްޓަބަލް ޔޫސުފު ޟަމީރުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ.
ނަމަވެސް އަލްމަރުޙޫމް ކޮންސްޓަބަލް ޔޫސުފް ޟަމީރު ގެ އާއިލާ އާއި ރައްޓެހިންގެ މޫނުމައްޗަށް ވެރިވެފައިވާ ހިތާމަވެރިކަން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. އޭނާގެ އާއިލާ ކުރަމުންދިޔަ ފުންހިތާމަ ދުވަހަކުވެސް ހަނދާނުން ނުނެތޭނެއެވެ. އެހިތާމައިގައި އެމަރުހޫމްގެ މަންމަ ވަނީ މިދުނިޔެއާއި ވަކިވެފައެވެ. އޭނާގެ ޒިކުރާ ތާއަބަދަށް ދެމިހުންނާނެކަން ޔަޤީނެވެ.
މާތްﷲ އަލްމަރުޙޫމް ކޮންސްޓަބަލް ޔޫސުފް ޟަމީރު ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން.
ނޯޓް: މިއީ ފުލުހުންގެ ވެބްސައިޓް ”ޕޮލިސް ލައިފް“ ގައި ލިޔެފައިވާ ލިޔުމެކެވެ.