ޕޮލިސް މެމޯރިއަލް ޑޭ: އަލްމަރުހޫމް ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޘިމް (1977-2006)

04 ޑިސެމްބަރ 1977 ވަނަ އަހަރު ލ.ފޮނަދޫ ޗާނދަނީމާގެއަށް އުފަން އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޘިމް އަކީ ކެރޭ ހިތްވަރުގަދަ ފުލުހެކެވެ. ރައްޓެހިންނާއި ރަޚްމަތްތެރި ކަމުގެ ނަމޫނާއެކެވެ. އޭނާ އަކީ ހިންގުންތެރި ކަންކަމާ ކެރިގެން ކުރިމަތިލާ ފުލުހެކެވެ. އާއިލާއާއި ރައްޓެހި ރަހްމަތްތެރިންނަށް ހިތްހެޔޮ އޯގާތެރި ބޭކަލެކެވެ. އެކުގައި މަސައްކަތްކުރަ ފުލުހުންނާއި ރަށުގެ ޒުވާނުންނާއި ގުޅިގެން މަސައްކަތްކުރަން ދަންނަ ހީވާގި އަދި އެހާމެ މުރާލި ފުލުހެކެވެ.

އަލީ ނާޘިމް އަކީ ލ.ފޮނަދޫ /ޗާންދަނީމާގެ މޫސާ އަހްމަދު އާއި ހައްވާ ޢަލީ އަށް ލިބިފައިވާ ބޭފުޅެކެވެ. އެއީ މައިން ބަފައިންނަށް ކަމޭހިތައި އޯގާތެރި ދަރިއެއެކެވެ. ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުންނަ އަލީ ނާޘިމް ލ.ފޮނަދޫ ދިލްސާގެ ސަމްސިއްޔާ ޙަސަން އާއި ލޯބީގެ ގޮތުން ގުޅި ޒަވާޖީ ހަޔާތެއް ފަށާފައިވަނީ 2003 މާރޗް 13 ވަނަ ދުވަހުއެވެ. 1999 ނޮވެމްބަރ 1 ވަނަ ދުވަހު ކ.ގިރިފުށީގައި ހިންގުނު ރެކްރޫޓް ޓްރޭނިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހު އޭނާ މަސައްކަތްކުރެއްވި ޔުނިޓްތަކުގެ ތެރޭގައި ސެކިއުރިޓީ ޑިވިޜަން ،އާރ.އެޗް.ކިޔު/ ކައްދޫގެ އިތުރުން މާޅޮސްމަޑުލު އުތުރުބުރީ ޕޮލިސް ސްޓޭޝަން ހިމެނެއެވެ. އޭނާ އެންމެ ފަހުން މަސައްކަތްކަތްކުރެއްވީ ރީޖަނަލް ޕޮލިސް ޑިޕާޓްމަންޓްގެ ހައްދުންމަތީ ޕޮލިސް ސްޓޭޝަންގައެވެ. އަލީ ނާޘިމް އަކީ އެކުގައި މަސައްކަތްކުރާ ފުލުހުންގެ ނަމޫނާ ފުލުހެކެވެ.

އެކުވެރިންނާ ރަޚްމަތްތެރިންގެ ގާތް އެކުވެރިއެކެވެ. ހިތްހެޔޮ ރަހުމަތްތެރިއެކެވެ. އަޒުމް ވަރުގަދަ ދިވެހި ދަރިއެކެވެ.
ނަމަވެސް 2006 ސެޕްޓެމްބަރ 21 ވަނަ ދުވަހު އަލްމަރުހޫމް ލާންސްކޯޕްރަލް އަލީ ނާޘިމްގެ އާއިލާއާއި ރައްޓެހިންނަށް ލިބުނީ ބޮޑު ހިތާމައެކެވެ. އެއީ އަލްމަރުހޫމް ލާންސް ކޯޕްރަލް އަލީ ނާޘިމް އަބަދުގެ އަބަދަށް މިދުނިޔެއާއި އަލްވަދާއުކީ ދުވަހެވެ.
އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޘިމް ނިޔާވީ 2006 ސެޕްޓެމްބަރ 21 ވަނަ ދުވަހު ކަނޑުމަތީގައި ޙާލުގައިޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ މަގުމަތީގައި ފޮނަދޫގައި އަލަށް ޢިމާރާތްކުރި އިންޖީނުގެ އާއި ހަމައިގާ ކަރަންޓްކޭބަލް ވަޅުލުމަށް މަގުހުރަސްކޮށް ކޮނެފައިއޮތް ކޯރުގެ މަތީގައި އަޅާފައި އޮތް ފިލާގަނޑެއްގައި ސައިކަލްޖެހި، ވީ އެކްސިޑެންޓްގައި އޭނާގެ ބޮލަށް ވަރަށްބޮޑަށް އަނިޔާވެގެންނެވެ.
އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޘިމް ޤައުމީ ޚިދުމަތަކީ ދުވަހަކުވެސް ގުނާ އަދަދު ނުކުރެވޭފަދަ މަތިވެރި ޚިދުމަތެކެވެ. އޭނާ ވަނީ 2004 ޑިސެމްބަރ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ލ.މުންޑޫގެ ރައްޔިތުންގެ ގިނަ ބައެއްގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ކެއުމެއް ބުއިމެއް އަދި ނިދުމެއް ނެތި ވަރަށް ހިތްވަރާއެކު ކެރިގެން މަސައްކަތް ކޮށްދެއްވާފައެވެ. އަދި މިހާރުވެސް މުންޑޫގެ ރައްޔިތުން އަލްމަރުހޫމް ލ.ކޯޕްރަލް ޢަލީ ނާޘިމްގެ އަގުބޮޑު ޚިދުމަތް ވަރަށް އުފަލާއެކު ފާހަގަކުރެއެވެ. އެއީ ހިތްވަރުގަދަ ކެރޭ ފުލުހެކެވެ. މަދަރުސަތުލް އަމީރުއަޙްމަދު އިން ޖީސީއީ އޯލެވެލް ފުރިހަމަކުރެއްވުމަށްފަހު އޭނާ ފުލުހުންގެ ޚިދުމަތާއި ގުޅިފައިވަނީ 1999 މެއި 17 ވަނަ ދުވަހުއެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި މެދުނުކެނޑި 7 އަހަރާ 6 މަހާއި 4 ދުވަހު ޚިދުމަތްކޮށްފައެވެ. އަދި އޭނާއަށް ވަނީ 2005 ޖުލައި 14 ވަނަ ދުވަހު ކޮންސްޓަބަލްގެ މަޤާމުން ލާންސް ކޯޕްރަލްގެ މަޤާމަށް މަޤާމްގެ ކުރިއެރުން ދެއްވާފައެވެ. އޭނާ ފުލުހުންގެ ވަޒީފާގައި ހޭދަކުރެއްވި މުއްދަތުގައި އަޚްލާޤީ އެއްވެސް މައްސަލައެއް ޖެހިފައި ނުވާއިރު، ސަރުކާރުން ވަނީ އޭނާގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ 2007 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަހީދު،ޖަވާދު އުމަރު އެވޯރޑް އޭނާގެ އާއިލާއާއި ހަވާލުކޮށްދެއްވާފައެވެ.
އަލްމަރުހޫމް ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޘިމްގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެތެރޭގައި 2004 ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީބޮޑުރާޅު އެރުމުގެ ކާރިޘާގައި ހައްދުންމަތީގެ ރަށްރަށަށް ލިބުނު ގެއްއްލުމާއި ގުޅިގެން ކުރަންޖެހުނު އެންމެހައި ކަންތައްތަކުގައި ވެދެއްވި ފުރިހަމަ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން 10 އެޕްރީލް 2005 ގައި ހައްދުންމަތީ އަތޮޅުކުރިއަރުވާ ކޮމެޓީން ދީފައިވާ ހަނދާނީ ލިޔުމާއި، 2000 ވަނަ އަހަރުގެ އޮކްޓޯބަރ މަހު މުޅި ޑިވިޜަނުން ޑިއުޓީ މަރާ އެންމެ ރަނަގޅު މީހާއަށް ހޮވިފައިވުމާއި ، 2000 ވަނަ އަހަރުގެ ނޮވެމްބަރ މަހު މުޅި ޑިވިޜަނުން އެންމެ ރަނގަލު ޕްރައިވެޓަކަށް ހޮވުމާއި، ސީއައިއީ އިމްތިހާނުގެ ސެކިއުރިޓީ ކަމަށް ކަމޭ ހިތައިގެން ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އަދި 2003 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ 38 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި ހަރަކާތްތަކުގެ ސެކިއުރިޓީގައި ވަރަށް އެކަށީގެންވާގޮތަކަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޒިމް ގެ އާއިލާ އާއި ރައްޓެހިންގެ މޫނުމައްޗަށް ވެރިވެފައިވާ ހިތާމަވެރިކަން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. އޭނާގެ ޒިކުރާ ތާއަބަދަށް ދެމިހުންނާނެކަން ޔަޤީނެވެ.
މާތްﷲ އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޒިމް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
ނޯޓް: މިއީ ފުލުހުންގެ ވެބްސައިޓް ”ޕޮލިސް ލައިފް“ ގައި މިދިޔަ އަހަރު ލިޔެފައިވާ ލިޔުމެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *