ލ އަތޮޅުގެ ވެރިކަންކުރާ ރަށް، ލ ފޮނަދޫގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކޮށް ރައްޔިތުންނަށް ހިދުމަތް ދޭން އެ ރަށުގެ ކައުންސިލުން ތައްޔާރު ވެއްޖެ އެވެ.
ބާރު ސްޕީޑެއްގައި ތަރައްގީވަމުން އަންނަ ލ ފޮނަދޫގެ ރައްޔިތުންނަށް ބޭނުންތެރި މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށް އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރެވި ރައްކާތެރިގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް ލާމު ފާމްސް ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގެ ނަމުގައި ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ މިހާރު އެ މަސައްކަތް ވަނީ ކޯޕަރޭޓިވް ސޮސައިޓީއާއި ހަވާލު ކުރެވިފައި ކަމަށެވެ.
”މިގޮތުން ކޯޕަރޭޓިވް ސޮސައިޓީން މިކަމަށް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ނިމި 01 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައި، ކޯޕަރޭޓިވް ސޮސައިޓީން މި މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތާއި ހިދުމަތަށް ނަގާނެ ފީ ފަދަ މުހިންމު މައުލޫމާތުތައް ހިމެނޭ ލީފްލެޓެއް، ހިދުމަތަށް އެދޭ ފޯމާއިއެކު ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަން“ ފޮނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވެ އެވެ.
މި ޕްރޮޖެކްޓަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އަދި ދިވެހި ސަރުކާރުގެ އެހީގައި ހިންގަމުން އަންނަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަންމެންޓް މިނިސްޓްރީ އިން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށް ފޮނަދޫ ކައުންސިލުން ޝުކުރު އަދާކުރެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މި ހިދުމަތް ބޭނުންފުޅުވާ ގޭގެއިންނާއި ފިހާރަތައް ސަރުކާރުގެ މުއައްސަސާތައް، ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އެ އިދާރާއަށް ހުށަހެޅުއްވުން އެދޭ ކަމަށާއި މި ފޯމް 20 ޖުލައި 2016 ވަނަ ދުވަހުން ފެށިގެން ކައުންސިލްގެ އިދާރާއިން ދޫކުރަމުންދާނެ ކަމަށެވެ.
”މި ހިދުމަތް ދޭން ފެށުމާއި ގުޅިގެން 15 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ކަނޑައަޅާފައިވާ ކުނިކޮށްޓަށް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުނިއެޅުމަކީ މަނާކަމެއް ކަމުގައި ދަންނަވަން، އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާއިމެދު ކަމާއިބެހޭ ފަރާތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަމުންދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަން“ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ބުނެފައިވަނީ މިކަމަކަކީ ރައްޔިތުން ފުރިހަމަ އެއްބާރުލުން ލިބިގެންނޫނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ މަސައްކަތަކަށް ނުވާތީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމުގައި ދަންނަވާ ކަމަށެވެ.

ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ލާމު ފާމްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ދުވަހަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުހައްމަދު ޒާހިރު ވިދާޅުވީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރު ސްޕީޑެއްގައި ވަމުން އަންނަ ކަމަށާއި އެގޮތުން މިހާރު އެ މަސައްކަތުގައި ބޭނުން ކުރުމަށް ޕިކަޕެއް ގެނެވިފައިވާ ކަމަށާއި އަދި ހިދުމަތް ލިބިގަންނަ ގެތަކަށާއި ވިޔަފާރިތަކަށް މިކަމުގައި ބޭނުން ކުރުމަށް ތިން ތިން ޑަސްބިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
”މި ހިދުމަތުގެ އަގަކީ ގެއަކުން ނަމަ މަހަކު 140 ރުފިޔާ، ވިޔަފާރިއަކުން ނަމަ މަހަކު 200 ރުފިޔާ، މަސައްކަތް މި ފަށަނީ އެންމެ ޕިކަޕެއްގެ އެހީގައި ނަމަވެސް ދާދި އަވަހަށް އިތުރު ޕިކަޕެއް ގެނެވޭނެ، މި ހިދުމަތް އަންނަ އޯގަސްޓް މަހު ފެށިގެންދާނެ“ ޒާހިރު ވިދާޅުވި އެވެ.
މި ހިދުމަތާއިމެދު ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ”މި ހިދުމަތް ފެށުމާއެކު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މި ހިދުމަތުގެ ސަބަބުން ރަށުގެ ސާފުތާހިރުކަމާއި ރަށުގައި ތަފާތު ބަލިތައް ފެތުރުންވެސް ކޮންޓްރޯލްވެގެންދާނެކަމުގައި ގަބޫލު ކުރާ“ ކަމަށެވެ. އަދި މި ހިދުމަތް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
One Response
އެންމެ އެކަށީގެންވާ ގޮތަށް ފަށާކަމަށް ޤަބޫލެއް ނުކުރެވޭ..