ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރުމުގެ ބާރު މިނިސްޓަރުންނަށް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
މި އިސްލާހު މަޖިލީހުން ފާސް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
އިސްލާހުގައި ވާގޮތުން ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ނުވަތަ މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.
ޕީއެސް އައްޔަން ކުރުމުގެ ބާރު މީގެ ކުރިން އޮންނަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ވަނީ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އެގޮތުން އިސްލާހު ފާސްވެއްޖެ ނަމަ ޕީއެސް އިންގެ ގޮތުގައި ތިއްބަވާނީ ސިޔާސީ ބޭފުޅުން ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ މަޖިލީހުން އިސްލާހު ފާސްކުރި ދުވަހު މި އިސްލާހަށް ފާޑުވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ސިވިލް ސާވަންޓުންނަށް ސިޔާސީ ނުފޫޒު ފޯރާ ވަޒީފާގެ ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ.