މިއަހަރުގެ ފުރަތަމަ ހަމަ މަސްދުވަހު ބޭންކް އޮފް މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 571 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަށް މިދިޔަ ހަމަސްދުވަހު ލިބިފައިވާ އާމްދަނީ އަކީ އެ ބޭންކުގެ ތާރީހުގައި ރެކޯޑު އަދަދެއް ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާއި އަޅާ ބަލައިރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 152 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެ ބޭންކުން ބުނީ މި ކުރިއެރުންތައް ލިބެމުންދަނީ ގިނަ ދާއިރާތަކަކުން ލޯނު ދޫކުރެވެން ފެށުމުންނެވެ.
ބޭންކަށް މާލީގޮތުން ލިބޭ ނަފާ އަނބުރާ މުޖުތަމައަށް ދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ބޭންކުން ވަނީ ފަށާފައި އެވެ. އެގޮތުން ފުރަތަމަ ހަ މަސްދުވަސްތެރޭ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗް ގާއިމްކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.
އަދި އެ ބޭންކުން ދޫކުރާ ލޯނުތަކުގެ ތެރެއިން ގެދޮރު އިމާރާތް ކުރުމުގެ ލޯނުތަކުގެ އިންޓްރެސްޓުން ދޭއް އިންސައްތަ އަދި ޕަރސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން ހައެއް އިންސައްތަ ދަށްކޮށްފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
ބޭންކަށް މިދިޔަ ހަމަސް ދުވަހު ލިބުނު ފައިދާ އާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މާލީގޮތުން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ފަރުދުންނަށާއި، އާއިލާތަކަށާއި ވިޔަފާރިތިކުގެ ލާބައާއި މަންފާއަށް އިންވެސްޓްކުރުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެމުން ގެންދަވާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ކުންފުނީގެ 29 ބްރާންޗާއި 76 އޭޓީއެމް، 3200 ޕީއޯއެސް މަރޗަންޓުން، 177 ކޭޝްއޭޖެންޓުން އަދި 14 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން ފަސް ދޯނި ބޭންކިންގ ޔުނިޓް މުޅި ރާއްޖެއަށް ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ ކަމަށެވެ.