ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ ސްކޫލް (ސީއެޗްއެސްސީ) އިން ބާއްވާ މެގަ ބައިޓްސް އިވެންޓު މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
އެ ސްކޫލުން ބުނީ މި އިވެންޓު އޮންނާނީ މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައި ކަމަށާއި މިއީ އެ ސްކޫލުގެ އެކި ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ.
އަދި މި އިވެންޓުގައި ހުންނާނީ އެ ސްކޫލުގެ ދަރިވަރުން ހަދާފައިވާ ތަކެތި ކަމަށާއި އެގޮތުން ތަފާތު އެކި ވައްތަރުގެ ކާބޯތަކއްޗާއި ލުއި ބުއިންވެސް ހުންނާނެ ކަމަށް ސީއެޗްއެސްސީ އިން ބުނެއެވެ.
އެ ސްކޫލުގެ އެކި ހަރަކާތްތަކަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމަށް އެ ސްކޫލުން ތަފާތު ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، މެގަ ބައިޓްސްގެ އިތުރުން ޖަމްބަލް ސޭލްސްއެއްވެސް އަންނަނީ ކޮންމެ އަހަރަކު ބާއްވަމުންނެވެ.
މާދަމާ ބާއްވާ މެގަ ބައިޓްސް އިވެންޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ސްކޫލުން އެދެވަޑައިގަންނަވައެވެ.