ރޮޓަރީ ކްލަބް އޮފް މާލެގެ ހަތަރުވަނަ ދައުރުގެ ރައީސާއަކަށް ފާތުމަތު މުއާޒާ

ހޯމް މިނިސްޓްރީގައި 06 ޑިސެމްބަރު 2012 ގައި ރަޖިސްޓްރީ ކޮށްފައިވާ ރޮޓަރީ ކްލަބް އޮފް މާލެގެ ހަތަރު ވަނަ ދައުރުގެ ރައީސާ ފާތުމަތު މުއާޒާގެ ދައުރު ފައްޓައިފި އެވެ.

އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަދުވަސްވެފައިވާ ހިޔުމަނިޓޭރިއަން ޖަމްޢިއްޔާ، ރޮޓަރީ އިންޓަނޭޝަނަލްގެ ފުރަތަމަ އަދި ހަމަ އެކަނި ދިވެހި ގޮފި ”ރޮޓަރީ ކްލަބް މާލެ“ ގެ އައު ރައީސާގެ ދައުރު ފަށާފައިވަނީ މި ހިނގާ ޖުލައި މަހުގަ އެވެ.

އެ ކްލަބުން ހާމަކުރާގޮތުގައި ރޮޓަރީ ކްލަބްތަކުގެ ރައީސުންގެ ދައުރަކީ ޖުލައި 1 އިން ފެށިގެން އަންނަ އަހަރުގެ ޖޫން 30 ޖުމްލަ އެއް އަހަރު ކަމަށްވާއިރު މި ދައުރުގެ ރައީސާ ފާތުމަތު މުއާޒާގެ އިންސްޓަލޭޝަން ޝަރަފުވެރިކޮށްދެއްވީ ރޮޓަރީ ޑިސްޓްރިކްޓް 3230 ގެ ފަސްޓް ޑިސްޓްރިކްޓް ގެ ގަވަރުނަރު އޭ.އެސް ވެންކަޓޭޝް ގެ ދެމަފިރިކަނބަލުންނެވެ.

އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ކޮލޮމްބޯ ރޮޓަރީ ކްލަބް އޮފް ބައްތަރަމުއްލާގެ 5 ރޮޓޭރިއަނުން މި ހަފްލާއަށް ޒިޔާރަތްކޮށްފައިވާކަމަށް ރޮޓަރީ ކްލަބް އޮފް މާލެ އިން ހާމަކުރެ އެވެ.

މީގެ 111 އަހަރު ކުރިން 1905ގައި ދުނިޔެއަށް އުފަންވެފައިވާ ރޮޓަރީ އިންޓަނޭޝަނަލް އަކީ 200 އަށްވުރެ ގިނަ ގައުމުގައި 1.2 މިލިއަނަށްވުރެ ގިނަ މެމްބަރުންނަށް ހިދުމަތްކުރާ ޕްރޮފެޝަނަލުންގެ ގިންތީގެ މީހުންގެ މައްޗަށް އެކުލެވޭ އިންސާނީ ހިދުމަތަށް ފަރުމާ ކުރެވިފައިވާ އަމިއްލަ ޖަމްޢިއްޔާ އެކެވެ.

ރޮޓަރީގެ 34 ހާހަށްވުރެ ގިނަ ކުލަބްތަކުން “SERVICE ABOVE SELF”  ”ތިބާއަށްވުރެ އިސްކުރާނީ ހިދުމަތް“ މި މޮޓީގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޮޓަރީ އިން ކުރަމުންގެންދާ އިންސާނީ ހިދުމަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ 1985 ވަނަ އަހަރުގައި ފެށުނު ”ޕޯލިޔޯޕްލަސް“ ޕްރޮގްރާމެވެ.

ދުނިޔެއިން ޕޯލިޔޯގެ ވަބާ ނައްތޔާލުމަށް ރޮޓަރީ އިންޓަނޭޝަނަލުން ކުރަމުންގެންދާ މަސައްކަތަށް 30 އަހަރު ފުރޭއިރު، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން މި މަސައްކަތް ބަލައިގަނެ ”BILL AND MELINDA GATES FOUNDATION“ އިން ރޮޓަރީގެ ޕޯލިޔޯޕްލަސް އަށް 2008 ގައި 100 މިލިއަން ޑޮލަރު ހަދިޔާކޮށް ދެމެހެއްޓިނިވި ގޮތުގައި ރޮޓަރީއާއެކު ވަނީ މަސައްކަތްކުރަން ފަށާފަ އެވެ. ޑަބްލިއިއެޗްއޯ އަދި ޔުނިސެފާއި ގުޅިގެން ރޮޓަރީ ކްލަބްތަކުން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްފެށުނުއިރު 125 ގައުމުގައި ދުވާލަކު 1000 ކުދިންނަށް ޕޯލިޔޯ ޖެހެމުންދިޔަ އަދަދު، މިއަދު ވަނީ %99 އަށް ދަށްކޮށް އެންމެ ތިން ގައުމަށް މަދުކުރެވިފަ އެވެ.

13754228_1051641314889854_6620094287754597773_n

ރޮޓަރީ ކްލަބް އޮފް މާލެ އިން ރާއްޖޭގައި ހިންގާފައިވާ ހަރަކާތްތަކަށް ބަލާއިރު އދ ދިގުރަށުގެ ރައްޔިތުންނަށްޓަކައި ބަހައްޓައިދެވުނު 10ޓަނުގެ މުޅިން އާ ފެން ޕްލާންޓާއި، ވ ކެޔޮދޫގައި 10 ޓަނުގެ ފެން ޕްލާންޓް މަރާމާތު ކޮށްދިނުމާއި، އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިދުމަތްކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ލިވިން ރޫމްތައް އާރާސްތުކޮށްދިނުމާއި، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑުގެ ޕްލޭ އޭރިއާ އާރާސްތުކޮށްދިނުންފަދަ ކަންކަން ހިމެނެ އެވެ.

ރޮޓަރީ ކްލަބް އޮފް މާލެ އިން ހާމަކުރާގޮތުގައި ރޮޓަރީގެ އުސޫލުތައް ބަޔާންކުރާގޮތުން ކޮންމެ ދައުރެއްގެ ބޯޑުގައި އެ ދައުރުގެ ރައީސްގެ އިތުރުން ފާއިތުވި ދައުރުގެ ރައީސާއި ކުރިއަށް އޮތް ދައުރުގެ ރައީސުން އަބަދުވެސް ހިމެނޭކަމުން ރޮޓަރީ ކްލަބްތައް ހިނގަމުންދަނީ ދެމެހެއްޓެނިވިކޮށް، މާޒީއިން އިބްރަތްލިބި ކުރިމަގަށް ބައްޓަން ކުރެވިގެންނެވެ.

ރޮޓަރީ ކްލަބް އޮފް މާލެ ފޭސްބުކް ޕޭޖަކީ Rotary Club of Male’ އެވެ.

ރޮޓަރީ ކްލަބް އޮފް މާލެ ވެބްސައިޓް އަކީ www.rotaryclubmale.org  އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *