ފުލުހުންގެ ހިދުމަތާ އަލަށްގުޅުނު ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ހާމަކުރާގޮތުގައި އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ގެންގުޅުއްވައި ތަޞައްވުރާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފުލުހުންގެ ގާނޫނީ ވާޖިބު އެންމެ ފުރިހަމައަށް އަދާކޮށް ފުލުހުންގެ ހުވައާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ހިތްވަރާއި ސާބިތުކަމާއެކު މަސައްކަތްކުރުމަށް އެދިލައްވާކަމަށެވެ. އަދި އެ މަގުސަދު ހާސިލުކުރުމަށް އަބަދުވެސް އަޒުމު ކަނޑައަޅައިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލުމަށްވެސް ކޮމިޝަނަރ އެދިލެއްވި ކަމަށެވެ.
އަލަށް ފުލުހުންގެ ހިދުމަތާ ގުޅުނު ފުލުހުންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވުމަށް ކަޑައްތުކުރަންޖެހޭ ތަމްރީނާ ކުރިމަތިލާއިރު ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ކާމިޔާބީއާ ހަމައަށް ދެވެންދެން ހިތްވަރާއެކު މަސައްކަތްކުރުމަށް އެދިލައްވާ ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ކުރިމަތިލާ ގިނަ އަދަދެއްގެ މީހުންގެ ތެރެއިން ހޮވާލެވިގެން، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބިފައިމިވާ ފުރުސަތަކީ ވަރަށް މުހިއްމު ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ދެމި ތިބުމަށް އެދިލައްވާކަމަށް ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އާއްމު ރައްޔިތުންގެ ގޮތުގައި ތިބިއިރު ފުލުހުންނޭ ކިޔައިގެން ތަފާތު ވާހަކަތައް އަޑު އިވިފައިވާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް މި މުއައްސަސާއާ ގުޅި، މި މުއައްސަސާގެ ހަރުދަނާ އުސޫލްތައް އެނގުމުން އެ ދެކެވޭ ވާހަކަތަކުގެ އެއްވެސް ބުރަދަނެއް ނެތްކަން އެނގިގެން ގޮސްފައިވާނެކަމަށެވެ. އެހެންކަމުން، އަމިއްލައަށް އެދިގެން ކުރިމަތިލި މަސައްކަތުގައިވެސް މީހުން ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކޮށްގެން ނުވާނެކަމަށާއި އެ ވާހަކައެއްގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރަން ޖެހޭކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ފުލުހުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ކޮންމެ ފުލުހަކީވެސް ނުފޫޒުތަކުން އެއްކިބާވެ ރައްޔިތުންނަށް ހިދުމަތްކުރުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއި ހަމަކަން އިސްކުރާބަޔަކަށް ވާންޖެހޭކަމަށެވެ. އޭގެ އިތުރުން، ކޮށްފައިވާ ހުވައަށް ތެދުވެރިވެ، ހިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކުމެ ހުވާގެ މަތީގައި ސާބިތުވެ ދެމި ހުންނަން ޖެހޭކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ ތަމްރީނު ތަކުގައި ދައްރިބުން ނަގައިދޭ ފިލާވަޅުތަކުން ލިބޭ ތަރުބިއްޔަތާ އެއްގޮތަށް އަމަލުތައް ބަހައްޓައިފިނަމަ އިތުބާރާއި އިހުތިރާމު ލިބިފައިވާ ހަރުދަނާ ބައެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެކަމަށެވެ. އޭގެ އިތުރުން، ފުލުހުންގެ ތަމްރީނު ތަކަށް ގެނެވިފައިވާ ބަދަލުތައް މީގެ ކުރީގެ ތަމްރީނު ތަކާ ޚީލާފު ވާނެކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ތަމްރީނު ތަކުގައި ބައިވެރިންގެ ނަފުސު ތަރައްގީކޮށް ރިވެތި އަހުލާގު އަށަގެންފައިވާ ހަރުދަނާ ބަޔަކަށްހެދުމަށް އެކި މޮޑިއުލްތައް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން، ތަމްރީނަށްފަހު ހިދުމަތަށް ނުކުމެ ނަމޫނާ ފުލުހުންތަކެއްގެ ގޮތުގައި ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތަށްހުރި ގޮންޖެހުންތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ މަސައްކަތަށް އެންމެންގެ ރުހުމާއި ހިތްހަމަޖެހުން ނުލިބޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި ނަމަވެސް، ފުލުހުންގެ އަމާޒަކަށްވާންވާނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަންކޮށް ރައްޔިތުންގެ ހައްގު ހޯދައި ދިނުންކަމަށެވެ. އޭގެ އިތުރުން، އުސޫލުތަކުގެ ބޭރުން ކުރާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓިގެންދާކަމަށާއި އެހެންކަމުން، ތަމްރީންތަކުގައި ދަސްކުރާ ރިވެތި އަހުލާގާއި ހަރުދަނާ ދީނީ އުސޫލުތަކުގެ މަތީގައި އަބަދުމެ ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިލެއްވިއެވެ.
އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި ޕޮލިސް ބޭސިކް ތަމްރީން ކޯހުގެ މުދައްރިބުންވެސް ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީވެސް ވަނީ އަލަށް ފުލުހުންގެ މުއައްސަސާއާ ގުޅުނު ފުލުހުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ފުލުހެއްްގެ ގޮތުގައި ހުންނަވައިގެން ކުރައްވާފައިވާ ތަޖުރިބާތައް ހިއްސާކުރައްވައި ނަސޭހަތާއި ހިތްވަރު ދެއްވިއެވެ.