ޖޫން މަހު މީރާއަށް 1.50 ބިލިއަން ރުފިޔާ ބަލައިގެންފި

ވޭތުވެދިޔަ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.50 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މިއީ 2015 ވަނަ އަހަރުގެ ޖޫން މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު %21.0 އިތުރު ޢަދަދެކެވެ.

ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގޮތުގައި ލިބުނު 155.1 މިލިއަން ރުފިޔާ އާއި ޢާންމު ދާއިރާގެ ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު ޢަދަދު އިތުރުވުމަކީ ޖޫން މަހު ބަލައިގަތް އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބެކެވެ. އަދި 2016 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގެ ޓުއަރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ޖޫން މަހުގައި އައުމަކީވެސް ޖޫން މަހު ބަލައިގަތް އާމްދަނީ އިތުރުވާން މެދުވެރިވި މައިގަނޑު އެއް ސަބަބެކެވެ.

ޖޫން މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %28.7 ނުވަތަ 431.9 މިލިއަން ރުފިޔާ އެވެ. ޖޫން މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ ބީ.ޕީ.ޓީ (377.5 މިލިއަން ރުފިޔާ ނުވަތަ %25.1) އިންނެވެ. މީގެ އިތުރުން، ޓުއަރިޒަމް ލޭންޑް ރެންޓް (285.5 މިލިއަން ރުފިޔާ ނުވަތަ %19.0) އާއި ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ (155.1 މިލިއަން ރުފިޔާ ނުވަތަ %10.3) އަދި ބޭންކް ޕްރޮފިޓް ޓެކްސް (84.2 މިލިއަން ރުފިޔާ ނުވަތަ %5.6) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %15.6 އިތުރެވެ. މި އަހަރުގެ ފުރަތަމަ ހަ މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 7.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޖޫން މަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 42.3% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 18.8% އެވެ.

ޖޫން 2016 ގައި ބަލައިގަތް އާމްދަނީ އަކީ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.5 ދަށް އަދަދެކެވެ.  އަދި މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 57.0 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *