މަހުލޫފު  ކޯޓަށް ހާޒިރު ކުރަނީ – ފޮޓޯ: އެމްޑީޕީ
މަހުލޫފު ކޯޓަށް ހާޒިރު ކުރަނީ – ފޮޓޯ: އެމްޑީޕީ

މަހުލޫފުގެ ދެވަނަ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވަނީ ދެފަރާތުންވެސް ހުލާސާ ބަޔާން އިއްވާފަ އެވެ. ނަމަވެސް މި މައްސަލައިގަ މަހުލޫފުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ އެއްވެސް ހެކިބަހެއް ނަގާފައެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތް ނިންމާލަމުން ގާޒީ ވަނީ ވަރަށް އަވަހަށް މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދެން ޝަރީއަތުގެ މަޖިލީސް އޮންނާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މަހުލޫފު ގެނެސްފައިވަނީ ކަރެންޝަންސްގެ ބެލުމުގެ ދަށުންނެވެ. ކޯޓަށް ވެއްދި ވަގުތު މަހުލޫފުވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ.

އެ ސަރަހައްދަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެފައިވާއިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުންވެސް ހަރަކާތްތެރިވެފައިވެ އެވެ.

މަހުލޫފުގެ މައްޗަށް މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމަކީ މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަންނަވައި، ބެރިކޭޑްތައް ކޮއްޕައި ހެދި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެވެ.

މަހުލޫފުގެ މައްޗަށް އިއްޔެ ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެގެން ކޮށްފަ އެވެ. މަހުލޫފުގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވަނީ އިއްޔެ ކުރި ހުކުމް ދެ ދުވަސްތެރޭ އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *