ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަން ސާބިތުވާކަމަށް ކަނޑައަޅައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަހުލޫފުގެ މައްޗަށް ހުކުމްކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވެހިކަލަށް އަރުވަން އުޅުމުން ގަދަ ހަދައި ފިލަން އުޅުނު ކަމަށް ބުނެ އެވެ. މަހުލޫފުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ.
ހުކުމަށް ފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފުގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ގަޒީ ބޭނުންވެވަޑައިގެންނެވިނަމަ އަދަބު ކުޑަކޮށްދެވުނީސް ކަމަށެވެ. ނަމަވެސް ކަނޑައެޅުއްވީ އެންމެ ބޮޑު އަދަބު ކަމަށާއި މަހުލޫފުގެ މި ކުށް ކުރެއްވީ ފުރަތަމަ ފަހަރު ކަމުން ޖޫރިމަނާއަކުންވެސް ނިންމާލެވުނީސް ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ދުވަސްތެރޭ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. ނަމަވެސް މައްސަލައިގަ އިންސާފު ލިބޭނެކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ މަހުލޫފަށް މިހާ ބޮޑު ހުކުމެއް ކުރެއްވި އިރު ހަމަ މިފަދަ މައްސަލައެއް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލީ އަޒީމްގެ މައްޗަށް ސާބިތުވުމުން ކޮށްފައިވަނީ ޖޫރިމަނާ ކަމަށެވެ.
މަހުލޫފު ޖަލަށްލާން ހުކުމް ކުރި ނަމަވެސް، އޭނާ މަޖިލީހުގައި ތަމްސީލު ކުރައްވާ ގޮނޑިއެއް ނުގެއްލޭނެ އެވެ. މަޖިލީހުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަމުންނެވެ.