ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ދައުވާގެ ހުކުމް އިއްވާ ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްފި އެވެ.
ހުކުމް އިއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު އެކެއް ޖަހާއިރަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިނާއީ ދައުވާއެކެވެ.
މަހުލޫފުގެ މައްޗަށް މިއަދު ހުކުމް ކުރަން ހަމަޖެހިފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާ އަށެވެ. ނަމަވެސް މަޖިލީސް ސިއްރު ކުރި ސަބަބެއް ކްރިމިނަލް ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.
ދެން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް މިއަދު 10 ޖަހާއިރަށް ވަނީ ތާވަލްކޮށްފަ އެވެ.
މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ހަމަހަށް ޖަލަށް ލާނެ އެވެ.
މަހުލޫފު ރޭ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކޮށް ޖަލަށް ލުމަށް ހުކުމް ކުރާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޖަލަށް ލިޔަސް ސަލާމަތްވެގެން ފަހުންވެސް މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މަހުލޫފަށް ހަ މަހުގެ ޖަލުހުމެއް އަޔަސް މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި ނަމައެވެ.