މައިކްރޯ ސޮފްޓާއި ގުޅިގެން މަޝްރޫއެއް ހިންގުމަށް ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ކުރުނބާ އައިލެންޑު ރިސޯޓުގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ. މައިކްރޯ ސޮފްޓުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާއަށް ކަނޑައަޅާފައިވާ އިސް ބޭފުޅެއް ކަމަށްވާ ޕޫޖިތާ ރާޖަޕަކްސަ އެވެ. އަދި މި ޕްރޮޖެކްޓް ރާއްޖޭގައި ހިންގާ މެކްސްކޮމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފިނޭންސް އިބްރާހިމް ފިރުޝާނެވެ.
މައިކްރޮސޮފްޓާއެކު މިއަދު ވި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ލިބިގެންދާނެ އެވެ. އަދި މައިކްރޮސޮފްޓް އޮފީސް ސޮފްޓްވެއާގެ ލައިސަންސް ހާއްސަ އަގުތަކެއްގައި ސަރުކާރަށް ލިބޭއިރު ތައުލީމީ ދާއިރާއަށް ބޭނުންވާ ބައެއް ސޮފްޓްވެއާތައް ހިލޭ ދިނުމަށް އެ ކުންފުނިން ވަނީ އެއްބަސްވެފައި އެވެ.
އޮފީސްތަކުގެ ކޮމްޕިއުޓާ ވިއުގަ ބަލަހައްޓާ މުވައްޒަފުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރުމަށް މައިކްރޯސޮފްޓުން އެއްބަސްވެފައިވާ ކަމަށް އެންސީއައިޓީން ބުންޏެވެ. އައިއެސްއޯ ސެޓިފައިޑް ޑިޒައިނެއް ރާއްޖެ އަށް ދިނުމަށް އެ ކުންފުނިން އެހީތެރިވެދިނުމަށްވެސް އެއްބަސްވެފައިވެ އެވެ.
މީގެ ކުރިން ދައުލަތުން އެކި ސޮފްޓުވެއާތަކަށް ލައިސަންސްތައް ނަގަމުން ދަނީ ވަކިވަކި އޮފީސްތައް މެދުވެރިކޮށް އެކި އަގުތަކުގައި އެވެ. ނަމަވެސް ސަރުކާރާ އެއްކޮށް މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިފެހެއްޓިފައި ހުރި އަގުތަކެއްގައި ލައިސަންސް ލިބިގެންދާނެ އެވެ.
ހުރިހާ އޮފީސްތައް އެއްކޮށްލައިގެން އަހަރަކު މައިކްރޮސޮފްޓް ޕްރޮޖެކްޓްތައް ގަތުމަށް 20 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަންޖެހެ އެވެ. މައިކްރޮސޮފްޓާއެކު ވެވުނު އެއްބަސްވުމާއެކު އެ ކުންފުނީގެ ޕްރޮޑަކްޓްތަކަށް ހަރަދުވާނީ 18 މިލިއަން ރުފިޔާ އެވެ.