މ. އަތޮޅު މުލަކު ގެއެއްގެ ބިމުގެ އަޑިން ދުންއަރާތީ ފުލުހުން އެތަނުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރުފަހު14:30 އެހާކަންހާ އިރު ކަމަށާއި އެ ވަގުތުން ފެށިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އެގޭގެ ބިންގަނޑު ކޮނެގެން ބެލިއިރު، ވެލިގަނޑު ވެސް ހޫނު ކަމަށާއި އަޑީގައި ހުރި ފެން ވެސް ހޫނު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނީ ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އެއީ ކަރަންޓުގެ މައްސަލައެއްތޯވެސް ޗެކް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ކަރަންޓުގެ މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ނޫންކަމަށެވެ.
އެގެ ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މުލަކު ކައުންސިލު މެންބަރަކު ވިދާޅުވީ އެރަށު ސޯސަންގޭ މައި ދޮރުގެ ކަނާތްފަރާތު ދޮރުކަނި ކައިރިން ބިންގަނޑުން ހޫނުގެ އިހްސާސް ކުރެވޭތާ ދެދުވަހެއް ވެއްޖެ ކަމަށާއި ދޮޅުފޫޓެއްހާ ފުނަށް ކޮނެ ބެލިއިރުވެސް އެތަނުން ހަމަ ގަދައަށް ހޫނު ވާ ކަމަށެވެ. އަދި އެތަން މިހާރު ފުލުހުންގެ ބެލުމުގެ ދަށުން، ސިފައިންނާއި ޑިޒާސްޓަރ މެނޭޖްމަންޓުން ގޮތެއް އަންގަންދެން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
އެގޭގެ މީހުން އެ ޢާއިލާގެ ގެއަކަށް ނުވަތަ، ރަށުގެ ގެސްޓުހައުސްއެއް ފަދަ ތަނަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މުލަކު ކައުންސިލުން ބުނެއެވެ.