އައްޑޫ ސިޓީއާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ހިދުމަތް ފައްޓަވައިދެއްވީ ނާއިބް ރައީސް އަބްދުﷲ ޖިހާދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވަނީ ރޭ ފެށުނު އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އެއް ހަފްތާވަންދެން ހިލޭ ލިބިގެންދާނެ ކަން އިއުލާން ކުރައްވާފަ އެވެ.
ނާއިބް ރައީސްގެ ވާހަކަފުޅުގައި އެގޮތަށް ނިންމެވީ ރައީސް ޔާމީން ކަމަށާއި އެއީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް ދެއްވި އީދު ހަދިޔާއެއް ކަމަށް ވިދާޅުވި އެވެ. ނައިބް ރައީސް ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވާ ކަންތައްތައް ކޮށްދެއްވާނެ ރައީސެއް ކަމަށާއި އެގޮތުން ބަހުގެ ހިދުމަތަކީވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމެއް ކަމަށެވެ.
ޖިހާދު ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުގައި އިފްތިތާހްކުރި ބަސް ދަތުރުގެ ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށާއި ފަސޭހަކަމާ އެކީ އެއްތަނުން އަނެއްތަނަށް ރައްޔިތުންގެ މުދާ އުފުލޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ރާވާފައި ހުރި ކަންކަމުގެ ތެރެއިން ގިނަ އަދަދަކަށް ޓޫރިސްޓް އެނދު ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

އައްޑޫ އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެވެ.
އެ ކުންފުނިން ބުނީ އެ ދެ އަތޮޅުގައި ބަހުގެ ހިދުމަތް ދިނުމަށް 13 ބަސް ބޭނުން ކުރަމުންދާނެ ކަމަށެވެ. އެގޮތުން 11 ބަސް އައްޑޫގައި ބޭނުންކުރާއިރު ފުވައްމުލައިގަ ބޭނުން ކުރާނީ ދެ ބަސްކަމަށެވެ.

އަދި އެކުންފުނިން ވަރަށް އަވަހަށް އައްޑޫ އާއި ފުވައްމުލަކާއި ދެމެދު އޭސީ ފެރީގެ ހިދުމަތާއި މުދާ އުފުލާ ފެރީ ތައާރަފްކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ހުޅުމީދޫން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރާ މީހުންނަށް ސައިކަލް ފަދަ ވެހިކަލް އުފުލޭނެ ކަހަލަ ގޮތްތަކެއް ވެސް ވަރަށް އަވަހަށް ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުން ކަމަށޤ އެމްޕީއެލްއިން ހާމަކުރެ އެވެ.