ރޭގެ ވަގުތެއްގައި ތުރުކީގެ ސިފައިންގެ ބަޔަކު ނިކުމެ އެ ގައުމަށް ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބު ކޮށްލައިފި އެވެ.
ބަގާވާތް ނާކާމިޔާބު ވެފައިވާކަން އެގައުމުގެ ސަރުކާރުން މިއަދު ހެނދުނު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. ސަރުކާރުން ހާމަކުރާގޮތުގައި އެގައުމުގެ ސަރުކާރުގެ މައި އޮފީސްތަކުގެ ކޮންޓްރޯލް އޮތީ ސަރުކާރު އަތްމަތީގަ އެވެ. އަދި ބަގާވާތް ގެންނަން އުޅުނު މީހުން މިހާރު ހިފާ ހައްޔަރުކޮށްފައިވާކަމަށްވެސް ބުނެ އެވެ.
އެގައުމުގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެފައިވާގޮތުގައި ގައުމަށް ބަގާވާތް ގެންނަން އުޅުނީ ގައުމަށް ގައްދާރުވި މަދު ބައެކެވެ.
ބަގާވާތް ގެންނަން އުޅުނު 130 މީހަކު ހައްޔަރުކޮށްފައިވާއިރު ބަގާވާތް ގެނައުމަށް ހަރަކާތްތެރިވި ސިފައިން ކުޑަވަގުތުކޮޅަކަށް ބައެއް މަގުތަކާއި ބްރިޖްތަކާއި ސަރުކާރުގެ އޮފީސްތައް ކޮންޓްރޯލ ކުރި އެވެ. އަދި އެގައުމުގައި ސޯޝަލް މީޑިއާވެސް ބަންދުކޮށްލަން އުޅުނު ކަމަށް ވެ އެވެ.
ނަމަވެސް ސީއެންއެންއިން ދެއްކި ޕްރޮގްރާމެއްގައި ފޯނު މެދުވެރިކޮށް ރައްޔިތުންގެ ކިބައިން އުރުދުޢާން އެދުނީ މަގުތަކަށް ނިކުމެގަތުމަށެވެ. އެއާއެކު ރައްޔިތުން ނިކުމެ ސިފައިން ބަލިކޮށް، ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބު ކޮށްލި އެވެ.
ތުރުކީގެ ސަރުކާރުން ހާމަކުރާގޮތުގައި ބަގާވާތް ގެންނަން މަސައްކަތްކުރި ސިފައިންނަކީ ސިފައިންގޭގެ ޗެއިން އޮފް ކޮމާންޑަށް ތަބައަ ނުވެ އަމިއްލައަމިއްލައަށް ރާވައިގެން އުޅުނު މަދު ބައެކެވެ.