ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އިރު މަސްތުގެ ހާލުގައި ހުރި ކެޕްޓަންގެ ބަންދަށް 15 ދުވަސް

އިއްޔެ ހެނދުނު 06:20 ހާއިރު ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިން ދެ ދޯނި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި 67 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ދީފިއެވެ.

ނ. ވެލިދޫން މަސްވެރިކަމަށް ނުކުތް ކުޑަ މަސް ދޯންޏެއް ގޮސް ކަންނެލި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އުމުރުން 78 އަހަރުގެ މީހަކު ނިޔާވި އެވެ. އޭގެ އިތުރުން މި އެކްސިޑެންޓްގައި 77 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވެއެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިއަށް އެންދަމަން ދިޔަ ނ.ވެލިދޫ “ކިރުދޫނި” ދޯނި، އެ ފަޅުކައިރީ ކަނޑުގައި އަޅާފައި އޮތް “ގުރުވަ” ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވާ މީހާއާއި އަނިޔާވި މީހާއަކީ އެންދަމަން ނިކުތް “ކިރުދޫނި” ދޯނީގައި ތިބި ދެމީހުން ކަމަށާއި މި ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ “ކިރުދޫނި” ދޯނި ދުއްވަން ހުރި މީހާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓްގައި “ކިރުދޫނި” ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު “ގުރުވަ” ދޯންޏަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *