މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާއި ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑި އިރަށް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މިކުރާ ވިއްސާރައިގައި ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ ކަނޑުތަށް ޢާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި އޮޑިފަހަރުގެ ވެރިންނާއި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާ ކަމަށެވެ.
މީގެއިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތަށް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތަށް ނުރޭއްވުމަށް ދަންނަވާ ކަމަށާއި މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ދަންނަވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑިއެފުން އިތުރަށް ބުނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.