ޒުވާނުންނާ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުން ކުރިއަށް ގެންދާ ރެޑީ ކޭމްޕު ށ. މިލަންދޫގައި ފަށައިފިއެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ށ. މިލަންދޫ ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި އެސްކޫލުގެ ގްރޭޑް 9 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ 111 ދަރިވަރުން ބައިވެރިވެއެވެ. މިބައިވެރިންގެ ތެރޭގައި ހިމެނެނީ 57 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ހޭންޑް އިން ހޭންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެ ކަމަށާއި އެއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މީގެއިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ހަމައެއާއެކު މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާޓުމެންޓާއި އަމިއްލަ ޖަމްޢިއްޔާއެއް ކަމަށް ވާ ހޭންޑް އިން ހޭންޑު ގުޅިގެން ކުރިއަށްގެންދާ 41 ވަނަ ކޭމްޕެވެ.