އިދިކޮޅު އިއްތިހާދުން މިރޭ ބާއްވަން އުޅޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ފަހު ހައުސިންގ މިނިސްޓްރީން އެ ހުއްދަ ބާތިލް ކުރިޔަށް މިރޭ ޖަލްސާ ބާއްވާނެ ކަމަށް އެމްޑިޕީން އެ މިނިސްޓްރީ އަށް އަންގައިފި އެވެ.
އެމްޑީޕީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޖަލްސާ ބޭއްވުމަށް އެމްޑީޕީއަށް އެ މިނިސްޓްރީން ދިން ހުއްދަ އެހެން ބަޔަކަށް ދީފައިނުވާކަމަށެވެ.
އެ ސިޓީގައި އެމްޑީޕީން ވަނީ އެ ޕާޓީން ހުއްދަ ނެގިކަމުގައިވިޔަސް ދެ ޕާޓީ ގުޅިގެން ޖަލްސާ ބާއްވަން މިނިސްޓްރީން މީގެ ކުރިން ވެސް ހުއްދަ ދޫކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ޖަލްސާތަކުގައި ސަރުކާރު ކޯލިޝަން ކަމަށް އިޝްތިހާރުކޮށް އެމްޑީއޭ އާ އެކު ޖަލްސާ ބޭއްވުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އިއްޔެ ހުއްދަ ދިނުމަށް ފަހު މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލް ކުރުމަށް ފަހު ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ ހުއްދަ ބާތިލް ކުރީ ”ޣައިރު ގާނޫނީ ހަރަކާތެއް“ ހިންގަން އުޅޭތީ ކަމަށެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކު ނުދަންނަ ކަމަށާއި ހުއްދަ ދޫކުރީ އެމްޑީޕީ އަށް ކަމަށެވެ. އެހެން ކަމުން އެމްޑީޕީން އެހެން ބަޔަކާއި ގުޅިގެން އިދިކޮޅު ކޮޅު އިއްތިހާދުގެ ނަމުގައި ޖަލްސާ ބާއްވަން ހުއްދަ ނުދެވޭނެ ކަމަށެވެ.