ޗައިނާގެ ސަފީރު، ނައިބު ރައީސް ޖިހާދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވިފައިވާ ޚާރިޖީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ވިޔަފާރިއާއި، ގެދޮރު ޢިމާރާތްކުރުމާއި، ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޗައިނާ ސަރުކާރުން ‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު ލިބިވަޑައިގަތުމާއި ގުޅިގެން މަރްޙަބާ ދެންނެވި ކަމަށާއި އަދި، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ފާޠިމަތު އިނާޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *