ދެ ދޯނި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިން ދެ ދޯނި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެ އިތުރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 06:20 ހާއިރު ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 77 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ނ. ވެލިދޫ ސިއްޙީ މަރުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާކަމށް ފުލުހުން ބުނެއެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިއަށް އެންދަމަން ދިޔަ ނ.ވެލިދޫ “ކިރުދޫނި” ދޯނި، އެ ފަޅުކައިރީ ކަނޑުގައި އަޅާފައި އޮތް “ގުރުވަ” ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވާ މީހާއާއި އަނިޔާވި މީހާއަކީ އެންދަމަން ނިކުތް “ކިރުދޫނި” ދޯނީގައި ތިބި ދެމީހުން ކަމަށާއި ދެ ދޯނި ޖެހި  ހިނގި މި އެކްސިޑެންޓާއި ގުޅިގެން “ކިރުދޫނި” ދޯނި އެވަގުތު ދުއްވަން ހުރި 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ނަގާ ތަޙުލީލުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައިކަމަށާއި މި އެކްސިޑެންޓްގައި “ކިރުދޫނި” ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު “ގުރުވަ” ދޯންޏަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *