މާލެއާއި ވިލިމާލެއާ ދެމެދު ކަނޑަށް އެރިއުޅުނު އަންހެނަކު ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ވިލިމާލެއިން އަންހެނަކު އެކަނި މޫދަށް އެރިގެން މާލެއާ ދިމާލަށް ދާކަމަށް ބުނެ މިއަދު މެންދުރުފަހު 14:22 ހާއިރުވިލިމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެސަރަޙައްދަށް ދިޔައިރު މި އަންހެން މީހާ މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުގައި އޮތް މަންޒަރު ފުލުހުންނަށް ވަނީ ފެނިފައި ކަމަށެވެ.
”މި މަންޒަރު ފެނުމާއެކު ވިލިމާލޭގައި މަސައްކަތްކުރާ ދެ ފުލުހުންގެ ތެރެއިން އެވަގުތު ޑިއުޓީގައި އުޅުނު ޕޮލިސް ކޯޕްރަލް މުޢާވިއަތު ނަޛީރު އާއި އެވަގުތު އޮފް ޑިއުޓީގައި އުޅުނު ޕޮލިސް ލ. ކޯޕްރަލް މުޙައްމަދު ނާފިޢު ވަނީ ވިލިމާލެ ފެރީ ޓާމިނަލްގެ އެހީތެރިކަމާއެކު ފެރީއެއްގައި އެ އަންހެން މީހާ އޮތް ސަރަޙައްދަށް ގޮސް ކަނޑަށް ފުއްމާލުމަށްފަހު އަންހެން މީހާ ސަލާމަތްކޮށްފައި“ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް މިހާރުވަނީ ދޫކޮށްލާފައި ކަމަށާއި 26 އަހަރުގެ މި އަންހެން މީހާއާ ޖެންޑަރ މިނިސްޓްރީން މިހާރު ވަނީ ހަވާލުވެފައި ކަމަށެވެ.